އިޒްރޭލުން ހުކުރު ދުވަހު ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ހަމާސްގެ ހަތިޔާރުއެޅި ގޮފީގެ ވެރިޔާ އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލައިފި އެވެ.
އޮކްޓޯބަރު 7 ގެ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު މޭސްތިރިއެއްގެ ގޮތުގައި އިޒްރޭލުން ތުހުމަތުކުރާ ހައްދާދު އަވަހާރަކޮށްލިކަން އިޒްރޭލުން އިއުލާނުކުރި ފަހުން ހަމާސް އިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު އިޒްރޭލު ސިފައިންނާއި ޖާސޫސީ އިދާރާތަކުން ދަނީ ޣައްޒާ އާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކުގައި ތިބި ހަމާސްގެ ސިޔާސީ އިސްވެރިންނާއި އަސްކަރީ ކޮމާންޑަރުންނަށް އަމާޒުކޮށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހުކުރު ދުވަހު ޣައްޒާގައި ހައްދާދަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާއެއް ދިނުމަށްފަހު، އޭނާގެ މަރު ކަށަވަރުވީ މިއަދު އެވެ.
"އިސް ކޮމާންޑަރު... އިއްޒުއްދީން އަލް ހައްދާދު އަވަހާރަކޮށްލާފައިވަނީ އިއްޔެ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށާއި އާންމުންގެ އުޅަނދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި،" ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
ހަމާސްގެ އެހެން އޮފިޝަލަކު ވިދާޅުވި ދިން ގޮތުގައި، ހައްދާދު އަވަހާރަވީ އޭނާގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅާ ވެސް އެކުގަ އެވެ.
އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަލާކުވެފައިވާ އިމާރާތެއްގެ ގާކުނޑިތަކުގެ ތެރެއިން ހައްދާދުގެ ހަށިގަނޑު ނަގައިގެން ގެންދިޔައީ ހަމާސްގެ ދިދަ އޮޅާފައިވާ ސަންދޯކަކަށް ލައިގެންނެވެ. އޭގެ ފަހުން ހަށިގަނޑު މިސްކިތަކަށް ގެންގޮސް ވަނި ޖަނާޒާ ބާއްވައިފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ހައްދާދަކީ އޮކްޓޯބަރު 7 ގެ ހަމަލާ ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅުނު، ހަމާސްގެ އަސްކަރީ ލީޑަރުންގެ ތެރެއިން އެންމެ ފަހުން ތިބި އިސް ކޮމާންޑަރުންގެ ތެރެއިން އެކަކެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ ރަހީނުން ފޮރުވައިގެން ގެންގުޅުމުގެ ކަންކަން ބެލެހެއްޓީ ވެސް ހައްދާދު ކަމަށް ތުހުމަތުކުރެ އެވެ.
އޮކްޓޯބަރު 7 ގެ ހަމަލާގައި ހަމާސް އިން އިޒްރޭލުގެ 1،221 މީހުން މަރާލައި 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ އެވެ.
ރައްދުގައި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ރައްދު ހަމަލާތަކުގައި މިހާތަނަށް 72,700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ހަމަލާބަދަލުކުރުން ހުއްޓަލަން އޮކްޓޯބަރު މަހު އެއްބަސްވި ނަމަވެސް އިޒްރޭލުގެ ހަމަލާތައް ކުރިއަށްދާތީ ޣައްޒާގައި ކޮންމެ ދުވަހަކުވެސް ހަމަނުޖެހުން ހިނގަ އެވެ.
ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން މިހާތަނަށް މަދުވެގެން، ފަލަސްތީނުގެ 856 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޣައްޒާގައި އިޒްރޭކުގެ ފަސް ސިފައިން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
އިޒްރޭލުން ހަމާސްގެ އަސްކަރީ ކޮމާންޑަރު އަވަހާރަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ