ވެންޓިލޭޓަރު މައްސަލައިގެ ހަޤީޤަތް: ދުބާއީ ކޯޓުން ހާމަވި ހިޔާނާތުގެ ވާހަކަ

2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، ދިވެހިރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި ހިނގާފައިވާ ބޮޑު ހިޔާނާތުގެ ޙަޤީޤަތް މިހާރު ވަނީ ދުބާއީ ކޯޓުގެ ޙުކުމަކުން އިތުރަށް ހާމަވެފައެވެ. މި މައްސަލައިގައި ދިވެހި ދައުލަތަށް 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މާލީ ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ކުރި މި މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ލިބިފައިވާ މި ބޮޑު ގެއްލުމަކީ ހަމައެކަނި މާލީ ގެއްލުމެއް ނޫނެވެ. މިއީ ރައްޔިތުންގެ އިތުބާރަށް ވެސް ލިބުނު ނޭދެވޭ އަސަރެކެވެ.
މައްސަލައިގެ ފެށުން އަދި ކަންހިނގި ގޮތް:
ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ”އެގްޒެކިއުޓަރސް ޖެނެރަލް ޓޓްރޭޑިންގް“ އާ މަސައްކަތް ހަވާލުކުރިއެވެ. ނަމަވެސް، ފަހުން ހާމަވި ގޮތުގައި މި ކުންފުންޏަކީ އެއްވެސް ވިޔަފާރި ހަރަކާތެއް ނެތް، ހަމައެކަނި ކަރުދާހުގައި އޮތް ނަމެއްކަން ވަނީ ސާބިތުވެފައެވެ. މިފަދަ ”ޕޭޕަރ ކުންފުނިތައް“ އާންމުކޮށް ބޭނުންކުރަނީ ނާޖާއިޒު މަންފާ ހޯދުމަށާއި ޤާނޫނާ ޚިލާފު ޢަމަލުތައް ފޮރުވުމަށެވެ.
ޝައްކުތަކާއި ކަންބޮޑުވުންތައް:
މި މަސައްކަތް ހަވާލުކުރެވުނު ގޮތާމެދު އެންމެ ފުރަތަމައިނުންސުރެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ:
އެއްވެސް ބިޑް ޕްރޮސެސްއެއް ނެތި، ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް މަސައްކަތް ހަވާލުކުރެވުން.
އިތުބާރު ނެތް ކުންފުންޏަކަށް، ބޮޑު އަދަދެއްގެ އެޑްވާންސް ފައިސާ ދޫކުރެވުން.
އެއްވެސް ގެރެންޓީއެއް ނެތި، މަސައްކަތުގެ ޖުމްލަ އަގުގެ 90% އެޑްވާންސްގެ ގޮތުގައި ދެވުން.
ހިޔާނާތުގެ ހެކިތައް:
ދުބާއީ ކޯޓުގެ ތަޙްޤީޤުތަކުން މި މައްސަލައިގެ ޙަޤީޤަތް އިތުރަށް ހާމަވެފައިވެއެވެ. މި ތަޙްޤީޤުތަކުން ދައްކާ ގޮތުގައި:
އެއްބަސްވުމުގައި ސަރުކާރުގެ އިސް އޮފިޝަލުންގެ ސޮއިތައް ވަނީ ފޯޖުކުރެވިފައެވެ.
ވެންޓިލޭޓަރުތަކުގެ ފައިސާ އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށް ޖަމާކުރަން މަސައްކަތްކޮށްފައިވެއެވެ.
ލިބުނު 15 ވެންޓިލޭޓަރުވެސް ހުރީ ބޭނުންނުކުރެވޭ ފެންވަރެއްގައެވެ. މިއީ ބަލިމަޑުކަމުގައި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތްތައް ހޯދުމުގައި ވެސް ކޮރަޕްޝަން ހިނގާފައިވާކަން ހާމަކޮށްދޭ ކަމެކެވެ.
މިނިވަން މުއައްސަސާތަކުގެ ދައުރު:
މި މައްސަލަ ފެންމަތިވުމާއެކު، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަޙްޤީޤުކޮށް، މީގައި ހިނގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ޢަމަލުތައް ވަނީ ފާހަގަކޮށްފައެވެ. މި މިނިވަން މުއައްސަސާތަކުން ހިންގި ތަޙްޤީޤުތަކުން ދައްކާގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ބޮޑު ހިޔާނާތެކެވެ. މި ތަޙްޤީޤުތަކުގެ ނަތީޖާއަކީ ދުބާއީ ކޯޓުގެ ޙުކުމުން އިތުރަށް ހާމަވެފައިވާ ކަންކަމަށް ބާރުދޭ ހެކިތަކެކެވެ.
ދުބާއީ ކޯޓުގެ ޙުކުމުން މިހާރު ވަނީ މި މައްސަލައިގެ ޙަޤީޤަތް އިތުރަށް ހާމަވެފައެވެ. މިއީ ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދަން މަސައްކަތްކޮށްފައިވާ ކަމެއްކަން މިހާރު ވަނީ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ގެއްލުންތައް ލިބޭއިރު، ރައްޔިތުންގެ އިތުބާރު ވެސް ގެއްލެއެވެ.
އެހެންކަމުން، މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަކީ މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމެކެވެ. މީގެ އިތުރުން، މިފަދަ ހިޔާނާތްތަކުން ދައުލަތުގެ ޚަޒާނާ ރައްކާތެރިކުރުމަށްޓަކައި:
ދައުލަތުގެ މާލިއްޔަތު ގަވާއިދުތައް އިތުރަށް ހަރުދަނާކުރުން.
ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސްތައް ހަރުދަނާކޮށް، ހާމަކަން ބޮޑުކުރުން.
މިނިވަން މުއައްސަސާތަކުގެ ބާރުތައް އިތުރުކޮށް، އެ ތަންތަނުގެ މިނނިވަންކަން ކަށަވަރުކުރުން.
ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
މިފަދަ ފިޔަވަޅުތައް އެޅުމަކީ ކުރިމަގުގައި މިފަދަ ހިޔާނާތްތައް ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. އަދި މިކަމުގެ ސަބަބުން ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ