ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ކުރެއްވި ތުހުމަތުތައް ހޯމްލޭންޑް ސެކިއުރީޓީ މިނިސްޓަރު އަލީ އިހްސާން ދޮގު ކުރައްވައިފި އެވެ.
ޝަމްއާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
އެ ތުހުމަތުތައް ދޮގުކުރައްވާ މިނިސްޓަރު އިހްސާން މިއަދު ވިދާޅުވީ ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތްއިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" އިހްސާން ވިދާޅުވި އެވެ.
ޝަމްއާން ވަނީ އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަށް ރައްދު ދެއްވާ އިހްސާން ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި އެކަން މައްސަލައިގައި ފުލުހުން ހޯދި ހެކިތަކުން ސާފު ކަމަށެވެ.
"ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މިމައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު،" އިހްސާން ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާ ކަމަށެވެ.
ޝަމްއާންގެ ތުހުމަތުތައް އިހްސާން ދޮގުކޮށްފައިވާއިރު ރައީސް މުއިއްޒަށް ނިސްބަތްކޮށް ޝަމްއާން ދެއްކެވި ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފުވެސް ވަނީ ދޮގު ކުރައްވާފަ އެވެ.
ޝަމްއާން އިއްޔެ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް، މިނިސްޓަރު އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން ރައީސް މުއިއްޒު ގުޅުއްވި ކަމަށެވެ.
"މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އަޅުގަނޑަށް ސީދާ ރައީސް މުއިއްޒު ގުޅި. އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅި ދުވަހު "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" ޝަމްއާން ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރު އިހުސާން އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިސްވެ ތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ޝަމްއާން ތުހުމަތު ކުރެއްވި އެވެ.
"މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯންގައި ހުންނާނެ. މި މަސައްކަތް ސިއްރިއްޔާތުގައި ދަނީ ހިނގަމުން،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރު އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ގެންނެވި ކަމަށެވެ.
އެ ގޮތުން ކޮންމެ ކޯޓާއަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މިކަން ކުރަމުންދާކަން ހެއްކާއެކު ރައީސަށް ހުށަހެޅުއްވި ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ މިނިސްޓަރު އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާންގެ ތުހުމަތުތައް އިހްސާން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ