ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލު ކުރުމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން، އެ ޤާނޫނަކީ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
ޤާނޫނަށް ގެނެސްފައިވާ މި އިސްލާޙަށް އަމަލު ކުރެވެމުންދާ މުއްދަތުގައިވެސް މި އިސްލާޙަކީ މިހާރު މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީޤު ކުރެވޭނެ (ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގި ކަމެއްގެ މައްޗަށް ހިންގޭގޮތަށް އޮތުން) އިސްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ