ފާއްޓެގެ ހެޓްރިކާއެކު ހޯކްސް ކުއާޓާއަށް، ފިސްޑާއަށް ކުރިއަށްދިއުމުގެ އުންމީދެއް

ކިންގްސް ކަޕްގެ ފޯރިގަދަ މެޗުތަކަށް ފަހު، ހޯކްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އިރު އުތީމު އެފްސީން ތަފާތު ބޮޑު މޮޅެއް ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ރޭގެ މެޗުތަކުން ފެނިގެންދިޔައީ ގިނަ ގޯލުތަކަކާއި ފޯރިގަދަ ކުޅުމެކެވެ. ހޯކްސް އިން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ ފުވައްމުލަކުގެ ޗެމްޕިއަން ފިސްޑާ އަތުން 1-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ހޯކްސްގެ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކެއް ހަދައި، މިހާތަނަށް ކުޅުނު ދެ މެޗުން ޖުމްލަ 5 ގޯލު ހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު 1-3 އިން ހޯކްސް ކުރީގައި އޮވެގެން ނިމުނުއިރު، ފާއްޓެގެ ދެ ގޯލުގެ އިތުރުން ދެން އެޓީމަށް ގޯލު ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ފިސްޑާގެ ހަމައެކަނި ލަނޑު މި ހާފުގައި ޖެހީ މުހައްމަދު ވިޝާހް އިބްރާހީމް އެވެ. ފާއްޓެ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ސައްޓު ދިން ބޯޅައަކުންނެވެ. މި މޮޅާއެކު ހޯކްސް އާއި އެސްޓީއޯ އަށް ވެސް 6 ޕޮއިންޓް ލިބިފައިވާއިރު، އާރްއާރްސީ އާއި ފިސްޑާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ބީގެ ފަހު މެޗުތަކުގައި ހޯކްސް ނުކުންނާނީ އެސްޓީއޯއާ ދެކޮޅަށެވެ. އަދި ފިސްޑާ ބައްދަލުކުރާނީ އާރްއާރްސީއާއެވެ. ރޭ ކުޅުނު އަނެއް މެޗުގައި އުތީމު އެފްސީން ވަނީ އެޗްޕީއެސްއެން އަތުން 6-2 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މި މޮޅާއެކު އުތީމު ވަނީ 3 ޕޮއިންޓާއެކު ގްރޫޕް އޭގެ ތިންވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. ކިންގްސް ކަޕުގައި އުތީމު އެފްސީއާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ މި މެޗުގައި އުތީމުގެ މުހައްމަދު ރިޝްމީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ސާއިމް، މުހައްމަދު ސަޚާއު (ބޭލް) އަދި މުހައްމަދު މަޒީން އެވެ. އެޗްޕީއެސްއެންގެ ދެ ގޯލު ޖެހީ ނާއިޝް އާދަމް އާއި މުހައްމަދު މާއިލް އަރީފް އެވެ. މި ގްރޫޕުގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އެމްޓީސީސީ އޮތްއިރު، ދެވަނައިގައި އޮތް އެއިޓީފޯ އެފްސީ އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ދެ މެޗުން ބަލިވި އެޗްޕީއެސްއެން އޮތީ ގްރޫޕުގެ ފުލުގައެވެ. މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭއިރު، އޭގެތެރެއިން މެޗުތަކެއް އެސްއެސް ޓީވީއާއި އެސްއެސް ޓީވީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ