އައްޑޫ ސިޓީ މަރަދޫގައި މަސްމާރުކޭޓެއް ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން ހަވާލުކުރީ ބިޑަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަގުބޮޑުކޮށް ބިޑް ހުށަހެޅި ފަރާތަކަށްކަން އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއު ކޮއްފަައިވާ އައްޑޫ ސިޓީ ކައުންސިލުގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މަރަދޫގައި މަސް މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފައިވަނީ ބީލަން އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތުގެ ބަދަލުގައި ދެވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ފަރާތަށެވެ. މަސައްކަތް ހަވާލުކުރި ފަރާތުން މަޝްރޫއަށް ހުށަހަޅާފައިވަނީ އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވުރެ 897,942 ރުފިޔާ ބޮޑު އަގެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ބިޑް ހަވާލުނުކުރި ސަބަބެއްގެ ގޮތުގައި ކައުންސިލުން ބަޔާންކޮށްފައި އޮތީ އެ ކުންފުނިން ހުށަހަޅާފައިވާ އަގާއި މުއްދަތަކީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ބިޑް ޓެކްނިކަލް ޑޮކިއުމަންޓުގައިވާ އަގާއި މުއްދަތަކަށް ވުރެ ކުޑަ އަގަކާއި މުއްދަތަކަށް ވާތީ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި އެ މަސައްކަތް ކައުންސިލުން ހަވާލުކުރީ، މަޝްރޫއު ހަވާލުކުރި ފަރާތަކީ އެފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ ފަންނީ ގާބިލުކަމެއް ނުވަތަ ތަޖުރިބާއެއް ހުރި ފަރާތެއްތޯވެސް ކައުންސިލުން އެކަށީގެންވާ ގޮތެއްގައި ކަށަވަރުކުރުމަކާ ނުލައެވެ.
ޑިސެމްބަރު 2021 ގައި ސޮއިކޮށް، 155 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މާޗު 2026 އާ ހަމައަށް ނިމިފައިވަނީ އެންމެ 57 އިންސައްތަ މަސައްކަތެވެ.
މަސައްކަތް ނިންމުމަށް އިތުރު 207 ދުވަސް ހޯދުމަށް ޓަކައި ކޮންޓްރެކްޓަރު ހުށަހެޅީ ފޯޖްކޮށްފައިވާ ލިޔުންތަކެއް ކަމަށް ވެސް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އޮޑިޓް އޮފީހުން ބެލި ބެލުމުން، އެސްޓީއޯ މަރަދޫފޭދޫ ފިހާރައިން ބައެއް ސާމާނު ލިބެން ނެތުމުން މަސައްކަތް ލަސްވާ ކަމަށް ދައްކަން ކުންފުނީގެ ފަރާތުން ލިޔުންތަކެއް ހުށަހެޅި ނަމަވެސް، އެ ތަކެތި ވިއްކާ އެސްޓީއޯގެ މަރަދޫފޭދޫގެ ފިހާރައިގައި އެ ދުވަސްވަރު އެ ތަކެތި ހުރިކަން އެ ފިހާރައިން ވަނީ އޮޑިޓް އޮފީހަށް ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، ކޮންޓްރެކްޓަރު ހުށަހެޅީ ފޯޖުކޮށްފައި ހުރި ލިޔުންތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
މި މައްސަލައިގައި ވަކި ފަރާތަކަށް މަންފާވާ ގޮތަށް އެންމެ މަތިން މާކްސް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް ބިޑް ހަވާލުކޮށްފައިވާތީ އެއީ މާލިއްޔަތު ގަވައިދުގައިވާ ފަދަ ހުއްދަ ނޫން އަމަލެއް ކަމުން އެ މައްސަލަ ބަލައި އެކަމުގައި ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއް ކަމަށް ފެނިއްޖެނަމަ މައްސަލަ ބެލުމަށް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އެ ރިޕޯޓުގައި ވަނީ ލަފާދީފައެވެ.
އޭގެ އިތުރުން ކޮންޓްރެކްޓަރު ސައްހަ ނޫން ލިޔުންތަކެއްް ހުށަހަޅާފައިވާތީ އެ ފަރާތް ސަސްޕެންޑުކުރުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށް ވެސް ލަފާދީފައިވެއެވެ.
މަރަދޫ މަސްމާރުކޭޓު މަޝްރޫއު ހަވާލުކުރީ އަގުބޮޑުކޮށް ހުށަހެޅި ފަރާތަކަށް، ތަހުގީގުކުރަން އޮޑިޓުގައި ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ