އެމެރީގެ ޖާދުލާ އެކު އެސްޓަން ވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

އިސްތަންބޫލް، ތުރުކީ (މެއި 21) - ޖަރުމަނުގެ ފްރައިބާގް 3-0 އިން ބަލިކޮށް، އުނާއި އެމެރީގެ ކޯޗުކަމުގައި އެސްޓަން ވިލާ އިން ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ކާމިޔާބާ އެކު އެމެރީ މި ވަނީ ތަފާތު ތިން ވަނަ ކްލަބާ އެކު، އެމެރީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
މީގެ ކުރިން ސެވިއްޔާއާ އެކު ތިން ފަހަރު އަދި ވިޔަރެއާލްއާ އެކު އެއް ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް، އާސެނަލް ގޮވައިގެން ފައިނަލުގައި ކުޅެ ބަލިވީ އެވެ. ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ހޯދީ ޖެހިޖެހިގެން ތިން ސީޒަނުގަ އެވެ. 
މީގެ އިތުރުން، ވިލާ އިން ޔޫރޮޕާ ލީގުގެ ކާމިޔާބާ އެކު މި ވަނީ، 30 އަހަރަށް ފަހު ތަށްޓެއް ހޯދައިފަ އެވެ. ވިލާ އިން އެންމެ ފަހުން ތަށްޓެއްގައި އަތްލީ 1996 ވަނަ އަހަރުގެ ލީގު ކަޕްގަ އެވެ. އަަދި، ވިލާ އިން. ޔޫރަޕްގައި ކާމިޔާބެއް މި ހޯދީ 44 އަހަރު ފަހުންނެވެ. އެންމެ ފަހުން ވިލާ އަށް ޔޫރަޕްގައި ކާމިޔާބެއް ލިބުނީ 1982 ވަނަ އަހަރު، ޔޫރަޕިއަން ކަޕްގަ އެވެ. 
ބެސިކްޓާސް ކަޕްގައި ރޭ ކުޅުނު ފައިނަލުގައި ފްރައިބާގް ކޮޅަށް ވިލާ އިން ލީޑުނެގީ 41 ވަނަ މިނިޓްގަ އެވެ. ވިލާގެ މޯގަން ރޮޖާސް އޭރިއާތެރެއަށް މަތިން ނަަގައިދިން ބޯޅައެއް، އެ ޓީމުގެ ޔޫރީ ޓީލަމަންސް ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އަދި، ފުަރަތަމަ ހާފު ނިމުމުގެ ކުރިން އިތުުރު ގޯލެއް ޖަހައި، ވިލާ އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން، އެމީ ބުއެންޑީއާ އެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 13 މިނިޓް ތެރޭ ވިލާ އިން ތިން ވަނަ ލަނޑު ޖެހި އެވެ. މެޗުގެ 58 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބުއެންޑީއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ރޮޖާސް އެވެ.
ވިލާ އިން އެއްކޮށް ކޮންޓްރޯލް ނަގައިގެން ކުޅުނު މި މެޗުގައި، އެ ޓީމަށް ހަތަރު ވަނަ ލަނޑެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު، އަމަދޫ އޮނާނާ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ބުއެންޑީއާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. 
ސްޓީވެން ޖެރާޑް ވަކިކޮށް އެސްޓަން ވިލާ އިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އެމެރީއާ ޓީމު ހަވާލުކުރި ފަހުން އެ ޓީމުން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ވަގުތު، ޕްރިމިއާ ލީގުގައި ވެސް ވިލާ އޮތީ ތިން ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ