އިންގްލެންޑަށް އެއް ވަނަ، ކްރޮއޭޝިއާ އާއި ގާނާ ވެސް ދެ ވަނަ ބުރަށް

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕެނަމާ އަތުން 2-0 އިން މޮޅުވެ، އިންގްލެންޑުން ގްރޫޕް އެލްގެ އެއް ވަނަ ހޯދިއިރު، ގާނާ 2-1 އިން ބަލިކޮށް ކްރޮއޭޝިއާ އިން ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ. 
މި މެޗަށް ނުކުތްއިރު ވެސް އިންގްލެންޑާއި ގާނާ އަށް ވަނީ ގަދަ 32 ޓީމުގެ ބުރުުން ޖާގަ ލިބިފަ އެވެ. އެކަމަކު، މި ގްރޫޕުން ތިން ޓީމަށް ގަދަ 32 ޓީމުގެ ބުރަށް ދިއުމުގައި މަގާމުތައް ކަނޑައެޅުމަށް ފަހު މެޗުތައް މުހިންމެވެ. 
އިންގްލެންޑުން އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ކްރޮއޭޝިއާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނަ ހޯދި ގާނާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. 
ޕެނަމާ މި ފަހަރުގެ ވޯލްޑް ކަޕުން ވެސް ކެޓީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ. 
އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެނަމާ އަތުން 6-1 އިން މޮޅުވިއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމަށް އިންގްލެންޑުން ނުކުތީ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނެސްގެންނެެެވެ. އެންމެ ބޮޑު ބަދަލުތަކަކީ ބުކާޔޯ ސަކާ އާއި މާކަސް ރެޝްފޯޑަށް ފުރަތަމަ އެގާރައިން މި ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ފުރުސަތު ލިބެމުންދިއުމެވެ. 
މި ފަަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ މެޗުގައި ގާނާއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި އިންގްލެންޑުން ޕެނަމާއާ ދެކޮޅަށް ފުރަތަމަ ހާފު ވެސް ނިންމާލީ އެ ގޮތަށެވެ. ކުރިއަށް ކުޅުނު ގިނަ ބޯޅަތަކުގައި ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވިއިރު، ޕެނަމާ އިން އިިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ހުއްޓުވުމުގައި ކާމިޔާބު ހޯދުމުން އެ ޓީމުގެ އެޓޭކަށް ވަރަށް ބޮޑަށް އުނދަގޫވީ އެވެ. 
ކައުންޓަ އެޓޭކުގައި ޕެނަމާ އިން ވެސް ރަނގަޅު ހަަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން ޕެނަމާގެ ފޯވާޑް، ޓޮމާސް ރޮޑްރިގޭޒް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑް މަތަކުރި އެވެ. 
ދެ ވަަނަ ހާފުގައި އިންގްލެންޑުން އެޓޭކަށް ދާ ބޯޅަތައް ކުޅުން އަވަސްކޮށް ފުރުސަތުތައް ހޯދަން ފެށި އެވެ. އެ ގޮތުން، މެޗުގެ 57 ވަަނަ މިނިޓްގައި ކޭން ފޮނުވާލި ބޯޅައެއް ޕެނަމާ ކީޕަރު، އޯލާންޑޯ މޮސްކޭރާ ވަނީ މަތަކޮށްފަ އެވެ.
އިންގްލެންޑުން ލީޑުނެގީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ހުރަސްވި ބޯޅައަކުން ޖޫޑް ބެލިންހަމް ޖެހި ގޯލެކެވެ. އޭގެ ޖެހިގެން އައި ވަގުތުތަކުގައި ޕެނަމާ އަށް އިންގްލެންޑްގެ އޭރިއާތެރެެއިން ގޯލަށް ފޮނުވާލަން ލިބުނު ދެ ބޯޅައެއް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 
އޭގެ އިރުކޮޅެއް ފަަހުން، އިންގްލެންޑުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މިއީ، ބެލިންހަމް ނެގި ހުަރަހަކުން ކޭން ބޮލުން ޖެހި ގޯލެކެވެ. 
ކްރޮއޭޝިއާ އިން ގާނާ ކޮޅަށް ފުރަތަމަ ހަމަލާ ފޮނުވާލީ ނިކޮލަ ވްލަސިޗް އެވެ. އޭރިއާބޭރުން ވްލަސިޗް ޖެހި ޝޮޓް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ކްރޮއޭޝިއާ އިން ލީޑުނެގީ މެޗުގެ 31 ވަނަ މިނިޓްގައި ޖެހި ގޯލަކުންނެވެ. މަޓެއޯ ކޮވަސިޗް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ޕެޓާ ސުޗިޗް ފޮނުވާލި ބޯޅަ ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ އަތްކައިރިން އަމާޒުވީ ގޯލުގެ ތިރީ ކަނަށެެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާ ކޮޅަށް ވަން ފުރަތަމަ ގޯލެެވެ. 
ފުރަތަމަ ހާފުގައި ގާނާ އަށް އެއްވަރުކޮށްދޭން، އަންޓުއާން ސެމެންޔޯ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ގާނާ އިން ދެ ވަނަ ހާފުގައި ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން އެއްވަރުކުރެވޭތޯ ދިޔައީ މަސައްކަަތްކުރަމުންނެވެ. އެ ގޮތުން ގާނާ އިން ވަނީ 77 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، ހިލޭޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައަކުން ޑެރިކް ލުކަސަން ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީ މޮނީޓަރުން ބަލައިފަ އެވެ. 
ކްރޮއޭޝިއާ އިން އަލުން ލީޑުނަގަން މާރިއޯ ޕަސަލިޗް ޖެހި ބޯޅައެއް ކީޕަރު އަސާރޭ މަތަކުރިއިރު، އެ ބޯޅަ ބޭރުވެ ލިބުނު ކޯނަރުން ޕަސަލިޗް ބޮލުން ޖެހި ގޯލުން ކްރޮއޭޝިއާ އިން އަލުން ލީޑުނެގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ