ވޯލްޑް ކަޕުން ކެޓުމުން ކްލާކް ސްކޮޓްލެންޑް ކޯޗުކަމުން އިސްތިއުފާދީފި

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 28) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ސްކޮޓްލެންޑް ކެޓުމާ އެކު، އެ ޓީމުގެ ކޯޗުގެ މަގާމުން ސްޓީވް ކްލާކް އިސްތިއުފާދީފި އެވެ. 
މި ފަަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ކުޅުނު ސްކޮޓްލެންޑުން ދިޔައީ އެ ގްރޫޕްގެ ތިން ވަނަ އެވެ. އެއީ، ތިން ޕޮއިންޓާ އެކު އެވެ. ހައިޓީ އަތަުން ފުރަަތަމަ މެޗުން 1-0 އިން މޮޅުވި ސްކޮޓްލެންޑް ދެން ކުޅުނު މެޗުތަކުން، 1-0 އިން މޮރޮކޯ އަތުން އަދި، ބްރެޒިލް އަތުން 3-0 އިން ބަލިވީ އެވެ. 
ސްކޮޓްލެންޑަށް ގަދަ 32 ޓީމުގެ ބުރުން ޖާގަ ލިބުމުގެ އޮތީ ހަނިި ފުރުސަތެވެ. އެ ފުރުސަތު ގެއްލުނީ، މިރޭ ގާނާ އަތުން ކްރޮއޭޝިއާ މޮޅުވި ނަތީޖާއާ އެކު އެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ތެެރެއިން އަށް ޓީމުގެ ތެރޭގައި ސްކޮޓްލެންޑް ނުހިމެނޭނެކަން ޔަގީންވުމުންނެވެ. 
މީގެ ހަތް އަހަރު ކުރިން ސްކޮޓްލެންޑްގެ ކޯޗުކަމާ ހަވާލުވި ކްލާކް ވަނީ އެ ޓީމާ އެކު ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 1998 ވަނަ އަހަރުގެ ފަހުން، ސްކޮޓްލެންޑް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުން ހިމެނެ އެވެ. އަދި، ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކްލާކްގެ ކޯޗުކަމުގައި ސްކޮޓްލެންޑުން ވަނީ ކުޅެފަ އެވެ. 
މަގާމުން އިސްތިއުފާ ދިނުމަށް ފަހު ކްލާކް ވަނީ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި ސްކޮޓްލެންޑްގެ އެފްއޭ އިން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، ދެން، ސްކޮޓްލެންޑްގެ ކޯޗުކަމާ ހަވާލުވާ ފަރާތަކަށް ކާމިޔާބަށް އެދޭ ކަމަށް ކްލާކް ވަނީ ބުނެފަ އެވެ. 
ސްކޮޓްލެންޑުން ކްލާކްގެ ކޯޗުކަމުގައި ޖުމްލަ އެކު، 81 މެޗަށް ވަނީ ނުކުމެފަ އެވެ. އެ މެޗުތަކަށް ބަލާއިރު، 38 މެޗުން ވަނީ މޮޅުވެފަ އެވެ. އަދި، 14 މެޗުން އެއްވަރުވިއިރު، 29 މެޗުން ވަނީ ބަލިވެފަ އެވެ. 
ކްލާކަކީ މި ފަހަރުގެ ވޯލްޑް ކަޕުން ކެޓުމުން ޓީމުގެ ކޯޗުކަން ދޫކޮށްލި ދެ ވަަނަ ކޯޗެެވެ. އެ ގޮތުން، ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ އިން މި ފަހަރުގެ ވޯލްޑް ކަޕުން ކެޓުމާ އެކު، އެ ޓީމާ ހަވާލުވެ ހުރި އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ