ވޯލްޑްކަޕް ވޯލްޑްކަޕް އިންގްލެންޑަށް އެއްވަނަ، ކްރޮއޭޝިއާ އަދި ގާނާ ވެސް ދެވަނަ ބުރަށް

ވޯލްޑް ކަޕް ”ގްރޫޕް އެލް“ އިން އިންގްލެންޑް، ކްރޮއޭޝިއާ އަދި ގާނާ ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
މިއަދު ކުޅުނު ގްރޫޕުގެ ފަހު މެޗުތަކަށްފަހު އިންގްލެންޑުން ވަނީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ކްރޮއޭޝިއާ އިން ވަނީ ގާނާ ބަލިކޮށް، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ. ގާނާއަށް ފުރުސަތު ލިބެނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނޭތީއެވެ. ގާނާ ނިންމާލީ ހަތަރު ޕޮއިންޓާއެކުއެވެ.
އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވީ މިރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ޕެނަމާ ބަލިކުރުމުންނެވެ. މި މެޗުގެ ދެވަނަ ހާފުގައި ގޯލުތައް ފެނިގެންދިޔަ އިރު، އިންގްލެންޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އާއިި ހެރީ ކޭންއެވެ.
މި ގްރޫޕުގެ އަނެއް މެޗަށް ނުކުތް އިރު، ގާނާއަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތް ނަމަވެސް، ކްރޮއޭޝިއާއަށް އޮތީ މެޗު މުހިންމުވެފައެވެ. މި މެޗުން ކްރޮއޭޝިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ޕީޓާ ސުސިޗްގެ ގޯލުން ކްރޮއޭޝިއާ ލީޑުގައި ނިންމާލި ނަމަވެސް، މެޗުގެ 73 ވަނަ މިނެޓުގައި ޑެރިކް ލަކަސެން ވަނީ ގާނާއަށް ނަތީޖާ ހަމަހަމކޮށްދީފައެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ނޮކޮލާ ވްލަސިޗް އެވެ.
މި ނަތީޖާތަކާއެކު ”ގްރޫޕު އެލް“ އިން ދެވަނަ ބުރުގެ ޖާގައެއް ނުލިބެނީ ހަމައެކަނި ޕެނަމާއަށެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރުވެސް، ޕެނަމާއަށް ފުރުސަތެއް ނެތެވެ. ޕެނަމާ ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ