ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ރައްދު ދެއްވައިފި އެވެ.
ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ނޫމަޑި ކުންފުންޏާ ހަވާލުކުރި މަޝްރޫއު ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުދޭން ޖެހުނު މައްސަލާގައި ރައީސް މުއިއްޒުގެ މައްޗަށް ވަނީ އެ މަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ދައުވާކޮށްފަ އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ހުސައިން ވަހީދު ވަނީ، އެ ދައުވާއިން މުއިއްޒު ސަލާމަތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ﷲ ގަންދީ ހުވާކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުންދުގެ ސިލްސިލާ ޕްރެސް ބްރީފިންގައި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ ހުސައިން ވަހީދު އެ ވިދާޅުވާ ހުވަޔެއް ކުރަން ވަޑައިގަންނަވަންވީ ކަމަށާއި އޭރުން މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށެވެ.
"ހުސައިން ވަހީދު ހިންގަވާ ހުވާ ކޮށްލަމާ. އަޅުގަނޑު ހުންނާނަމޭ ހުސައިން ވަހީދު ކައިރީގައި. އަޅުގަނޑު އޭރު ވެސް އިނީމޭ،" އޭރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އެ މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ.
"މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން،" މުންދު ވިދާޅުވި އެވެ.
އެއާ އެކު މުންދު ވިދާޅުވީ އެކަމަކު "ހުސެން ވަހީދުގެ ގޮތެއް ނޭނގޭ" ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ނޫމަޑި ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށް ބުނެ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އެ އެއްބަސްވުން ބާތިލުކުރި އެވެ. އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ހުށަހެޅުމުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހުނެވެ.
ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި އެ މައްސަލައިގައި، ރައީސް މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރި އެވެ. ނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ރައީސް މުއިއްޒުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.
ނޫމަޑި މައްސަލާގައި ރައީސަށް ކުރި ތުހުމަތު ދޮގުކޮށް މުންދު ވިދާޅުވީ ރައީސް ވައްކަން ނުކުރައްވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ