ރިޔާސީ ކޮމިޝަންތަކަކީ ބޮޑު އިސްރާފެއް: އާދަމް ޝަރީފް އުމަރު

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަކީ ބބޮޑު އިސްރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 
ޕީއެންސީ ޕީޖީ ލީޑަރުކަން ވެސް ކުރަްވާ އާދަމް ޝަރީފް އުމަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތް ބައްލަވައި ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެންނެވެ. 
އާދަމް ޝަރީފް ވިދާޅުވީ އެކިއެކި މައްސަލަތައް ތަހިގީގު ކުރުމަށް ރައީސް ސާލިޙް އުފެއްދެވި ކޮމިޝަންތަކަށް އެކަށޭނެ އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށާއި ހުރިހައި ކޮމިޝަންތަކަކީ ވެސް ބޮޑު އިސްރާފެއް ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަނުތަކުން ނަތީޖާއެއް ނެރެވޭނީ އެ ކޮމިޝަންތަކުގައި ތިބި މީހުން ބަދަލުކޮށް ކޮމިޝަންތަކުން މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކޮށްގެންނެވެ. އެ ނޫން ގޮތަކަށް ކޮމިޝަންތަކުން ކޮންމެ މަސައްކަތެއް ކުރިޔަސް ނިކުންނާނީ އެއް ނަތީޖާއެއް ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 
ރިޔާސީ ކޮމިޝަންތަކަކުން ކުރަމުންދާ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބް ހޯދުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުއީޒް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ދެ ކޮމެޓީއަކަށް ފޮނުވާފައެވެ. އެއީ މަޖިލީޙުގެ 241 ކޮމެޓީއާއި ޖުޑިޝަރީ ކޮމެޓީއެވެ. 
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަނީ ރައީސް ސޯލިހް އެކަމަށް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އަދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަނީ އެކަމަށް އުފެއްދި މަރު ކޮމިޝަނުންނެވެ.
މުއިއްޒު މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހިޔާނާތުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ އެމްޑީޕީގެ ވައުދަކަށް ވީހިނދު، އެ ދެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަންތަކުން އެ ކަމާއި ގުޅޭ މައުލޫމާތު ހާމަ ކުރުން މަދުކަމަށް ފާހަގަ ކުރެވޭތީ، އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފު ނުވާތީ އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުމާއި ޝަރީއަތް ލަސްވެފައި ހުރުމުގެ ސަބަބުތަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ދަށުން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާއި މެދު އަމަލު ކުރެވޭތޯ ޔަގީން ކުރުމަށް ބޭނުންވާތީ އެ ކަން މަޖިލީހުން ބަލަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ