ސިއްހީ ދާއިރާގެ މީހުންގެ ބަސް އަޑުނާހާ، އަޅަންޖެހޭ ފިޔަވަޅު ބުނެދޭ ސިޔާސީ މީހުން!

މާލޭގައި ކޮވިޑު ފެތުރެން ފެށުމުގެ ކުރިން ސަރުކާރުން މި ބައްޔާއި ދެކޮޅަށް ވަމުންދިޔަ ތައްޔާރީތަކުގެ މައުލޫމާތުތައް ދިޔައީ ހިއްސާ ކުރަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި ފެތުރެމުންދިޔަ ގޮތަށް ބަލާއިރު ވެސް ރާއްޖެއާއި ހަމައަށް މި ބަލި އަންނާނެކަން އެނގެއެވެ. އޭގެ ސަބަބުން ދުރާލާ ތައްޔާރީތައް ވެ، ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންއެއް އުފައްދާ މަސައްކަތް ފެށިއެވެ. ބޭނުންވާ މެޝިނަރީސްތަކާއި، މެޑިކަލް އިކުއިޕްމެންޓުތައް، އަދި އެ ނޫންވެސް އެތައް ސާމާނެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ބަލީގެ ނުރައްކާ އެތައް ގުނައެއް ބޮޑުވެގެން ދިޔައިރު ވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވީ މިއީ އާދައިގެ ރޯގާއެގެ ގޮތުގައެވެ. އަތް ދޮވެ، މާސްކު އެޅުމުން ”އޯކޭ ވާނޭ“ ބުނި މެމްބަރުން ވެސް މަދެއް ނޫނެވެ. ބަލީގައި މަރުވެ ދިޔައީ މަދު މީހުންނެއް ކަމަށާއި، އަދި ބަލި ޖެހެމުންދަނީ ވެސް މަދު މީހުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިޔައީ ބުނަމުންނެވެ. ކުޑަކުއްޖެއްހެން ބޮޑާހާކާ ސިއްހީ ދާއިރާގެ ބޮޑެތި ނިންމުންތަކަށް ފާޅުގައި ފާޑުކިޔުންތައް އަމާޒު ކުރަމުން ދިޔައެވެ.
ވޯސްޓް ކޭސް ސިނާރިއޯއަކަށް ވެސް ރާއްޖެ ތައްޔާރުކަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ ހަރުއަޑުން ވާހަކަ ދެއްކެވި ބޭފުޅާ މިއަދު އެ ހުންނެވީ މަގާމުން ވަކިކޮށްފައެވެ. ދެން ހުންނެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. ޕްރެސްތަކުގައި ވަރަށް ވެސް ވާހަކަ ދައްކަވައެވެ. ނަމަވެސް އަމަލުން ކުރެވޭ ކަމެއް ނެތެވެ. ސިއްހީ ވުޒާރާގެ ހިންގެވުމާއި ހަވާލުވެ ހުންނަވާ، ޑޮކްޓަރުންނާއި އެކު އެއް ޕެނަލްއެއްގައި ހުރެ އަމީން އެ ބޭފުޅުން އެ ދައްކަވާ ވާހަކައިގެ ”އަސްލު މާނަ“ ބުނެދޭ ހިސާބަށް ވެސް ދެއެވެ.
ރާއްޖޭގެ ސިޔާސީ ވެރިން ނޫނީ، ސިއްހީ ދާއިރާ ހިންގަންވީ ގޮތް ބުނެދޭ ބައެއް ތިބިހެން ހީއެއް ނުވެއެވެ. އެކަމަށް ފާޑުކިޔާ، ފަރުވާ ދޭންވީ ގޮތާއި، ބަލި މިހާރު އޮތްތޯ ނެތްތޯ ނޫނީ ކޮންޓްރޯލް ވެއްޖެތޯ ވެސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހާއި ބައެއް ސިޔާސީ މީހުންނެވެ. ޑޮކްޓަރުން ދައްކަވާ ވާހަކަ މި ބޭފުޅުންނަށް ކަމަކުނުދެއެވެ. ސިއްހީ ދާއިރާގެ މާހިރުން ދައްކަވާ ވާހަކަ ވެސް ކަމަކު ނުދެއެވެ.
ރާއްޖޭގައި ކޮވިޑު ފެތުރެން ފެށުމުން، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދިންތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މާލެއިން ރަށްތަކަށް ދަތުރު ކުރުމާއި އަދި ރަށްތަކުން އެއްވެސް ހުރަހެއް ނެތި މާލެ އާދެވޭނެ ގޮތް ހެދިއެވެ. ލުއިތަކެއް ދިންތާ މާގިނަ ދުވަސްތަކެއް ނުވެ، ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން ވެސް ސިއްހީ ބައެއް ބޭފުޅުންގެ ބަހަށް ވުރެ ބައެއް ބޭފުޅުންނަށް މުހިންމުވީ ލޮކްޑައުންއަކަށް ގޮސްގެން ނުވާނެ ކަމަށް ބުނުމެވެ.
ރާއްޖޭގެ އިގްތިސޯދަކީ ނާޒުކު އިގްތިސާދެއްކަން އެންމެން ވެސް ދަނެއެވެ. ގައުމަށް ލިބޭ ހަމައެކަނި އާމްދަނީ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެއްކަން ވެސް އެންމެން ދަނެއެވެ. އެހެން ނަމަވެސް ”ގައުމުގެ އިގްތިސޯދަށް ވުރެ ރައްޔިތުންގެ ސިއްހަތު މާ މުހިންމު“ މިހެން ބުނި ހަނދާނެއް ވެއެވެ. ގައުމެއް އަބަދު ބަންދުކޮށްފައި ނުބޭއްވޭނެކަން ވެސް ގަބޫލު ކުރަމެވެ. އެހެން ނަމަވެސް އިގްތިސޯދު އަލުން ފެށީ ހަމަ ހަގީގަތުގައި ވެސް ޕްލޭންއަކާއި އެކު ތޯ، ނޫނީ ނޯޓު ފޮތެއްގައި ލިޔެފައިވާ ނަމްބަރުތަކަކާއި އެކު ތޯ ސުވާލު އުފެދެއެވެ.
ގައުމުގެ ބޯޑަރު ހުޅުވާލިއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ކުރުމާއި އެ ހުރިހާ އިންތިޒާމުތަކެއްގެ ޕްލޭން ކިހާވަރަކަށް ކުރެވުނުތޯ ހިތައް އަރައެވެ. ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީ އެއް ވެސް އޮންނަން ޖެހޭނެއެވެ. ރާއްޖޭގެ ބައެއް ރިސޯޓުތަކުން މިހާރު ހިދުމަތް ދޭން ފަށާފައިވާއިރު ފަތުރުވެރިޔާ ފުރުމުގެ ކުރިން އޭނާ ބައްޔަށް ޓެސްޓު ކުރުމުގައި ރިސޯޓުން އަމަލު ކުރަންޖެހޭނެ ގޮތަކީ ކޮބައިކަމެއް ނޭނގެއެވެ. ބައެއް ފަތުރުވެރިން ނުފުރިފައެވެ. މި ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރަން ފެށުމާއި އެކު އުސޫލެއް އެކުލަވާލިއެވެ.
ދެން އުފެދޭ ސުވާލަކީ ގައުމަށް ލިބުނުހާ އެހީތައް ކޮބައިތޯ އެވެ. ހަރަދު ކުރި ގޮތާއި، އޭގެ ތަފްސީލަކީ ކޮބައިތޯ އެވެ. މިހާތަނަށް ފައިސާގެ އެހީގެ ގޮތުގައި ލިބުނު އަދަދާއި މެޑިކަލް އިކުއިޕްމެންޓުގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ތަފްސީލަކީ ކޮބައިތޯ އެވެ. މީގެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ހޯދަން ފަސޭހައެއް ނުވާނެއެވެ. އަހަރު ފެށުނީއްސުރެން ރާއްޖެއަށް ގެންނާނެކަމަށް ބުނި ވެންޓިލޭޓަރުތަކަށް ވީނުވީއެއް ނޭނގެއެވެ. މި ވެންޓިލޭޓަރުތަކަށް ވަނީ ފައިސާ ވެސް ދައްކާފައެވެ. އެހެން ނަމަވެސް ވެންޓިލޭޓަރުތައް ލިބޭނެކަމާއި މެދު ވެސް ޝައްކު އުފެދި، ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒިކިއުޓާސް ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފެދިއްޖެއެވެ.
ވެންޓިލޭޓަރުގެ ތަފްސީލަށް ބަލާއިރު، ދުބާއީ ކުންފުންޏަށް ދެ މިލިއަން ޑޮލަރު ދެއްކިއެވެ. ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 34 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އެއީ 74 ވެންޓިލޭޓަރުގެ ފައިސާ ނަމަވެސް މިހާ ތަނަށް ގެނެސްފައިވަނީ 10 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތަކަކީ ޝަރުތު ހަމަނުވާ ވެންޓިލޭޓަރުތަކެއްކަމުން އަލުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ވެންޓިލޭޓަރުތަކުގެ 74 އިންސައްތަ ފައިސާ ދެއްކިކަން އެންއީއޯސީގެ މައުލޫމާތުތަކުން އެނގެއެވެ. ނަމަވެސް މިހާރު ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނާ ގޮތުން ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގެންނާނެކަމަށް ބުނަނީ ފުލް ޕޭމަންޓު ދެއްކުމުންނެވެ. މިއީ ހަމަޖެހޭ ވާހަކަތަކެއް ނޫނެވެ. ކުންފުނިން ފައިސާއަށް ޑިމާންޑުކުރިނަމަ އެކަން ހާމަ ނުކުރީ ކީއްވެގެން ތޯ އެވެ. އަދި އެބުނާ ދުބާއީ ކުންފުންޏާއި ސަރުކާރާއި މިހާރު އެއްވެސް ކަނެކްޝަނެއް އޮތްކަމާއި މެދު ވެސް ޝައްކެވެ.
ދޯދިޔާ މިފަދަ އެތައް ވާހަކައެއް ދެކެވިދާނެއެވެ. ރާއްޖޭގެ ރަށްތަކުން ކޭސް ފެންނަމުން ދާއިރު، އަދި މާލެއިން އިންޓިޕެންޑެންޓް ކޭސެސް ފެންނައިރު ރާއްޖޭން ބޭރުން ދިވެހިން އެނބުރި ގައުމަށް އާދެއެވެ. އުސޫލުތައް ފުރިހަމަ ކުރާކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެ ބައެއްގެ ޓްރާންސްޕޯޓް ވެސް ނަގަން ޖެހެނީ އަމިއްލައަށް ކަމެއްވެ. ދިމާވާ ކޮންމެ ހާދިސާއެއް ނިންމާލަނީ އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ބުނުމަށްފަހުއެވެ.
މިއަދު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބަސް ބުނަނީ ސިޔާސީ މީހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. ޑޮކްޓަރުން ދައްކަވާ ވާހަކަތަކަށް، ސިއްހީ ދާއިރާގެ އެއްވެސް ނޮލެޖެއް ނެތް މީހުން ބަސް ބުނުމުން ވަރަށް ވެސް ލަދުވެއްޗެވެ.
ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް މަޖިލީހުން ބަލަން ޖެހެއެވެ. އެކަމަށް ޑޮކްޓަރުން ދެކޭ ގޮތް ބަލާ އެކަމަށް ވެސް ފާޑުކިޔަން ޖެހެއެވެ. އާއްމު ރައްޔިތުން ހާޒިރުކޮށް އާއްމުންގެ ބަސް ވެސް އަޑުއަހަން ޖެހެއެވެ. ޑޮކްޓަރަކު ދޭ ލަފާތަކަށް ބޮލާލާ ޖެހުމަށްފަހު މަޖިލީހުން ނިންމަނީ ބޭނުން ގޮތެކެވެ.
ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަންވެއްޖެއެވެ. އަދި ވެސް ސިއްހީ ދާއިރާގެ މީހުންގެ ބަސް އަޑުއަހާ އެއަށް އަމަލު ކުރަން ވީއެވެ. ރާއްޖޭގެ ރަށްތަކަށް މި ބަލި ފެތުރިޔަ ނުދިނުމަށް އެތައް މަސައްކަތެއް ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ