މި އަހަރު ފެނިގެންދާނެ ފުރަތަމަ ހަނދު ކޭތަ މިރެއި އަހަރެމެންނަށް ފެންނާނެއެވެ. ނަމަވެސް، ފަލަކީ އިލްމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމުގައިވާ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި މިވަނީ މިރޭގެ ކޭތަ އެހައި ރީތި ނުވާނެ ކަމަށެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިރޭ ހިފާ ހަނދުކޭތަ ރާއްޖެ އަށް ފެންނާނީ 22:07 އާއި މެންދަމު 02:07 އާއި ދޭތެރޭގައި ކަމަށެވެ. މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި މިރޭގެ ކޭތަ އެހައި ރީތި ނުވާނެ ކަމަށާއި ސަބަބަކީ މިރޭ ހިފަނީ ޕެނަމްބްރަލް ކޭތަ އެއް ކަމުގައި ވާތީއެވެ.
ޕެނަމްބްރަލް ކޭތަ އެއް ހިފާ ވަގުތު ދުނިޔޭގެ ހިޔަނި އިންނާނީ ކުޑަކޮށް ހަނދަށް އެޅިފައެވެ. އެހެންކަމުން ކޭތައިގެ ހަގީގީ ރީތިކަން ފާހަގަ ކުރުމަށް އެހައި ފަސޭހަ ވެގެނެއް ނުދާނެއެވެ. 3 ވައްތަރެއްގެ ހަނދު ކޭތަ ހިފާއިރު މިއީ އޭގެން އެއްވަތަރެވެ.
މިރޭގެ ކޭތަ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިރޭ މެންދަމު 00:00ގައި ކޭތަ ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭތަ އެންމެ ރީތިވެގެން ދާނެ ވަގުތަކީ މިރޭ 00:10 ހާއިރުއެވެ.
މިރޭ ހިނފާ ހަނދުކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި، އޮސްޓްރޭލިއާ އާއި، އޭސިއާގެ ގައުމުތަކާއި ނޯތް އެމެރިކާ އަދި ސައުތް އެމެރިކާގެ ބައެއް ސަރަހައްދުތަކުގެ އިތުރުން، ޕެސިފިކް، އެޓްލާންޓިކް، އިންޑިއާ އަދި އާކްޓިކް ކަނޑުގެ ސަރަހައްދުތައް ހިމެނެއެވެ.
މިރޭގެ ކޭތަ އެހައި ރީއްޗެއް ނުވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ