އަޑުބަރޭއަށް ފިޔަވަޅު އަޅަން މައުމޫން ގޮވާލައްވައިފި

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ކުރީގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫނު މިފަދައިން ވިދާޅުވެފައި ވަނީ ސްރީލަންކާގައި ކުރިއަށްދާ މަހިންދްރަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިއެއްގެ މޫނުމަތީ ޖަހާ ހިންގި ހުތުރު އަމަލަކީ ރާއްޖެ ލަދުގަންނަ ވަރުގެ އަމަލެއްކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިއްޔެގެ މެޗުގައި އަޑުބަރޭ ވަނީ މެޗުގެ ފަހު ވަގުތުގެ ފަސް މިނެޓުގެ ތެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ، ބޯޅަވެސް ނެތި، ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ ނޯއް މަތީ އުޅަނބޮށިން ގަސްތުގައި ޖަހާ ވައްޓާލާފައެވެ. އެއާއެކު ރެފްރީ ވަނީ އަޑުބަރޭއަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ. މިއީ ސަރަހައްދީ މުބާރާތެއްގައި މިހާ އަވަހަށް ކާޑު ދައްކައި ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔާއެވެ.
އަޑުބަރޭ ސީޝެލްގެ ކުޅުންތެރިޔާ އަށް ދިން ހަމަލާގެ ވީޑިއޯ އަށް މައުމޫން ޓްވިޓާގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ އަޑުބަރޭގެ އަމަލީ ހަޑިހުތުރު އަމަލެއް ކަމަށެވެ. އަދި އޭނާ އަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެކވެ.
އަޑުބަރޭ ސާފް ޗެމްޕިއަންޝިޕްގެ ޓީމްގައި ހިމެނުމުން ވެސް އޭނާ އަށާއި ކޯޗް އަލީ ސެޒޭނަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ. ކުޅުން ހުއްޓާލައިގެން ތިން އަހަރެއްހާ ދުވަހު ހުރުމުންނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ޖާމިނުވެފައި ވާތީ، އެކަމާ ގުޅިގެންވެސް އާންމުން ވަނީ އަޑުބަރޭ ގައުމީ ޓީމުން ވަކިކުރުމަށް އެފްއޭއެމަށްވެސް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ