ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ދާނީ ބާރަށް ކުރިއަށް ކަމަށާއި އެ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އިއްޔެ ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދެއްގެ ގޮތުގައި ކޮމަންޑޫ އަށް ވެވަޑައިގެންނެވި ވައުދު ކަމަށްވާ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެ މަސައްކަތް ދެން ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
"އެ މަސައްކަތް ދެން ދާނީ ބާރަށް ކުރިއަށް. އެ މަސައްކަތެއް ނުވެސް ހުއްޓޭނެ. އޭގެ ފޮނި މީރުކަން ކޮމަންޑޫ ރައްޔިތުންނަށް ދާދި އަވަހަށް ފެނިގެންދާނެ" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ކޮމަންޑޫ އާއި މުޅި ދާއިރާއަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދާނީ ބާރަށް ކުރިއަށް ކަމަށާއި މިއީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިން އިރުއިރުކޮޅާ ރަށްތަކަށް ވަޑައިގެން ރައްޔިތުން އެންމެ ބޭނުންްވާ ކަންކަން އޮޅުންފިލުވާ ކަމަށާއި މި ސަރުކާރުން ތަރައްގީ ގެންނާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު ސަރުކާރުން ވަނީ އެ ދާއިރާ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފަ އެވެ. އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ވަނީ ފަށާފަ އެވެ. އަދި ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.
ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ދާނީ ކުރިއަށް، ނުހުއްޓޭނެ: ނައިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ