ހުޅުމާލޭގައި އަލަށް ހަދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާ މިނިސްޓްރީ އޮފް ހެލްތާ ޙަވާލުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލޭގައި އަލަށް ހެދި ކޮވިޑް ފެސިލިޓީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގައި ހަދާ ފެސިލިޓީއަކީ ކޮވިޑްއަށް ޚާއްސަކޮށްގެން ހަދާ ފެސިލިޓީއެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.ކޮވިޑް ފެސިލިޓީ ހިންގުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އާ ކޮވިޑް ފެސިލިޓީ މިދިޔަ ޑިސެމްބަރު ފަސްވަނަ ދުވަހު ސަރުކާރާ ހަވާލުކުރި ފަހުން ބައެއް ކަންކަން އިތުރަށް ފުރިހަމަކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން އެދިފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމަސައްކަތްތައް ވެސް މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ވިދާޅުވި އެވެ.ހުޅުމާލޭ އާ ކޮވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޮވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.ހުޅުމާލޭގައި ކުރިން ހަދާފައި ހުރި ވަގުތީ ކޮވިޑް ފެސިލިޓީގައި 290 އެނދު ގާއިމުކޮށްފައިވެ އެވެ. އެ ފެސިލިޓީގައި އައިސޮލޭޓް ކުރެވޭނެ ބަޔަކާއި އައިސީޔޫ އެއްވެސް ގާއިމުކޮށްފައިވެ އެެވެ.މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް 120 އެނދު ވަނީ ހާއްސަކޮށްފަ އެވެ. ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެ އިއްޔެ ވެސް 800 އަށް ވުރެ ގިނަ ކޭސް ފެނިފައިވެ އެވެ. އެހެންވެ، އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.އެޗްޕީއޭ އިން ބުނީ މިވަގުތު ހޮސްޕިޓަލުގައި 22 މީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މިރޭ ފޭދޫން ކޮވިޑުގައި މަރުވި މީހާއާ އެކު ކޮވިޑްގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ އަދަދު 265 އަށް ވަނީ އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ