މިނިސްޓަރުންނާއި އަބްދުﷲ ގާޒީ ކޮމިޓީ އަށް ހާޒިރުވެވަޑައެއްނުގެންނެވި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓް ދިރާސާކުރަމުން އަންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ޖޭއެސްސީގެ ރައީސް އާދަމު މުހައްމަދު އަބުދުﷲއާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހާޒިރު ވަޑައިގެންފައިނުވާ ކަމަށް އެކޮމިޓީން ބުނެފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އެބޭފުޅުން ވަޑައިނުގަތުމުގެ ސަބަބުން ކޮމިޓީ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށާއި އެ ބޭފުޅުން ވަޑައިނުގެންނެވުމުން ދެން ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެބޭފުޅުންނަށް ވަޑައިނުގެންނެވޭނެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއި ހުރެ ކަމެއް އަލީ ވަހީދު ވިދާޅެއް ނުވެ އެވެ.
ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ހާޒިރު ކުރި ބައެއް ފަރާތްތަކުގެ ބަޔާންތައް އާއްމު ކުރުމާއި ގުޅިގެން ސަރުކާރުންވަނީ ކޮމިޓީއަށް އެއްބާރުލުން ނުދޭން ނިންމާފައެވެ. އެގޮތުން ކޯނީގެ ރިޕޯޓު ދިރާސާކުރުމުގެ މައްސަލަ ފިޔަވައި އެހެނިހެން މައްސަލަތަކަށް ފަހު ވަޒީރުން ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ