"މިހާރު"ގެ ސްކޫލް ގައިޑް ނެރެފި

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އަދި އާ އަހަރުގެ ކިޔެވުމަށް އަމާޒުކޮށްގެން "މިހާރު ސްކޫލް ގައިޑް" މިއަދު ނެރެފި އެވެ.
ހިލޭ ބަހަމުން އަންނަ މި ގައިޑްގައި، ބައެއް ސްކޫލްތަކުގެ ދަރިވަރުން، އެހެން ދަރިވަރުންނަށް ދޭ ނަސޭހަތާއި، ބައެއް ޕްރިންސިޕަލުންގެ މަޒުމޫންތަކުގެ އިތުރުން، އާ އަހަރުގެ ކިޔެވުމަށް ވާން ޖެހޭ ތައްޔާރީތަކާ ބެހޭ އެތައް ލިއުމެއް ހިމެނެ އެވެ. އަދި އަންނަ އަހަރު ތައުލީމީ ކަލަންޑަރު ވެސް މި ގައިޑްގައި ވަނީ ހިމަނައިފަ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަން ސްކޫލް ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް ބޭނުން ހިފޭނެ އުފެއްދުންތައް ނެރެން. އޭގެ ފުރަތަމަ ފެށުން މިއީ،" މި އަހަރުގެ މޭ މަހު ރާއްޖޭގައި ނެރެން ފެށި "މިހާރު"ގެ މެނޭޖަރު، ސޭލްސް އެންޑް މާކެޓިން، ޝަމްއޫން އަފީފް ވިދާޅުވި އެވެ.
މިހާރު ސްކޫލް ގައިޑް، މިއަދު ބަހަނީ: ދަރިވަރުންނާއި ބެލެނިވެރިންނަށް މުހިންމު މައުލޫއުތަކުގެ ލިއުންތައް ހިމެނޭ
އިރާއީ ބުކްޝޮޕުން މެއިން ސްޕޮންސަރުކަން ނަގާފައިވާ "މިހާރު ސްކޫލް ގައިޑް"ގެ ޗާޕު އަދަދު މިއަދު ނެރުނު އިރު، "މިހާރު"ގެ އޮންލައިން އެޑިޝަންގައި ހަދާ ހާއްސަ ސެކްޝަން މި މަހު 23 ގައި ކިއުންތެރިންނަށް ފެންނާނެ އެވެ. އެ ސެކްޝަންގައި ލިއުންތަކާއި ފޮޓޯގެ އިތުރުން އެކި ވީޑިއޯތައް ވެސް ހިމެނޭނެ އެވެ.
ސްކޫލްތަކުގެ ފަހު އިމްތިހާނަށް ފަހު މިއަދު ރިޕޯޓް ފޯމު ދިން ވަގުތު ސްކޫލް ގައިޑު ވަނީ ބަހައިފަ އެވެ.
"މީގެ ބޭނުން ހިފޭނެ ބެލެނިވެރިންނަށް ވެސް، ދަރިވަރުންނަށް ވެސް،" ޝަމްއޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ގައިޑް، މި ފެންވަރުގައި ނެރެވުނީ، ތައުލީމީ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ހިންގާ ބުކްޝޮޕްތަކާއި އެހެން ބައެއް ވިޔަފާރިވެރިންގެ ވެސް އެހީތެރިކަމާ އެކުގަ އެވެ.
"އަޅުގަނޑުމެންގެ އޮންލައިން ބައި ވެސް ވަރަށް ފުރިހަމަކުރަން މަސައްކަތް މި ކުރަނީ. ހާއްސަ ސެކްޝަން ލޯންޗުކުރީމާ އޭގައި ވެސް ހުންނާނެ ވަރަށް ގިނަ ލިއުންތަަކާއި ޓިޕްސްތައް،" ޝަމްއޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ