ނަޝީދާއި ގާސިމް ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައފި އެވެ.
ގާސިމްގެ ގެކޮޅު މާފަންނުވިލާގައި ގަޑިއެއްހާއިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެބޭފުޅުން ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނަޝީދު ވިދާޅުވީ ވަރަށް ކުޑައިރުއްސުރެ ފަށައިގެން ގާސިމް ވަރަށް ރަނގަޅު އިރުޝާދު ދެއްވާ ކަމަށާއި އެމަނިކުފާނު ވެސް ވަރަށް ގިނަ ކަންތައްތަކުގައި ގާސިމާ ވާހަކަ ދައްކައި ހަދާފައިވާނެ ކަމަށެވެ.
" އަޅުގަނޑު ދެކޭ ގޮތުގައި މި ދަނޑިވަޅަކީ ރާއްޖޭގެ ކަންތައްތައް ވަރަށް ނުކިއްސަރު ގޮތަކަށް އުޅޭ ދަނޑިވަޅެއް. އެހެންވެ ގާސިމާ ވާހަކަ ދައްކާލަން އައީ،" ނަޝީދު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެ ބޭފުޅުން ދެއްކެވީ ގައުމުގެ އަމާންކަމާއި މަސްލަހަތުގެ ވާހަކަތައް ކަމަށާއި އޭނާއަކީ އެއްވެސް ބޭފުޅަކާއި ޒާތީ މައްސަލައެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. ދެވަނަ ބުރުގައި ނަޝީދަށް ތާއީދުކުރެއްވުމުގެ ވާހަކަތަކެއް ދެއްކެވިންތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެފަދަ ވާހަކަ އާއި ހަމައަށް އަދި ނުދާ ކަމަށެވެ.
ދެވަނަ ބުރުގައި ގާސިމްގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންނެވިންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމުމުން ގާސިމް ގޮތެއް ނިންމަވާނެހެން ހީފުޅުވާ ކަމަށާއި މިހާތަނަށް އެމަނިކުފާނު އެހާ ދެރަވާ ގޮތަކަށް ގާސިމް ކަމެއް ނިންމަވާފައިނުވާ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވުމާއިއެކު ގާސިމް ވިދާޅުވީ "މިކަން ނިމޭ ގޮތަކުން އަޅުގަނޑާއި ނަޝީދު ވެސް ދެވަނަ ބުރުގައި ވާދަކުރަން ޖެހިދާނެ" ކަމަށެވެ.
ގާސިމްގެ ތަރުޖަމާނު އިބްރާހިމް ޙަލީލް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ ގާސިމް މީގެކުރިން ރައީސް ވަހީދާއި ވެސް އަދި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ބައްދަލުކުރައްވާފައިވާ ކަމަށާއި އެގޮތުން މިރޭ ރައީސް ނަޝީދާއި ބައްދަލުކުރެއްވީ އެކަމަށް ނަޝީދު އެދިވަޑައިގަތުމުން ކަމަށެވެ.
އަދި ގާސިމަކީ އެއްވެސް ބޭފުޅަކާއި ޒާތީ މައްސަލައެއް އޮތް ބޭފުޅެއް ނޫން ކަމަށް ވެސް ޙަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯލިޝަން ހެދުމާއި ބެހޭގޮތުން ގާސިމް ގޮތެއް ނިންމަވާނީ ޝަރުއީ މަރުހަލާގައި ހިނގަމުންދާ މައްސަލަތައް ނިމޭ ގޮތަކުން ކަމަށާއި އަދި މިހާތަނަށް އެއްވެސް ބަޔަކާއި ކޯލިޝަން ހަދަން ނިންމާފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ