ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމަށް މިނިސްޓަރު ހިތްވަރު ދެއްވައިފި

ޤައުމީ އަންހެންޓީމުން ހިއްވަރާއިއެކު މަސައްކަތްކޮށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލް އަގުވާމީ ވޮލީބޯޅަ މުބާރާތުން ގައުމަށް ރީތިނަން ހޯދައި ދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް އެދިވަޑައިގެންފި އެވެ.
މިމަހުގެ 27 ވަނަ ދުވަހު މާލޭގައި ފަށާ ވޯލްޑް ޗެންޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި ތާރީހީ މުބާރާތުގައި ރާއްޖެއަށް ރީތިނަން ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވޮލީ އަންހެންޓީމަކީ ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށާއި މި ކުޅުންތެރިންނަކީ ކޯޓުމަތީގައި މީގެކުރިންވެސް ހިއްވަރުދައްކާފައިވާ ކުޅުންތެރިންތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ވޮލީގެ މުސްތަގުބަލެއް އޮތް ޤައުމެއް ކަމަށާއި ސަރުކާރުން ވޮލީތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ވޮލީ ކުރިއެރުވުމަށް ރައީސުލް ޖުމްހޫރިއްޔާ ނުހަނު ބޮޑު އިސްކަމެއް ދެއްވާކަމަށާއި، އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ސަރުކާރުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާނޭކަމަށެވެ. އަދި މިމަހު މިފަށާ މުބާރާތަށްވެސް މިނިސްޓްރީގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ އަންހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް މާފަންނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިޔާތުގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.
ގައުމީ އަންހެން ވޮލީ ޓީމުގައި ހިމެނޭ ކުޅުންތެރިން:
1- އައިޝަތު ޝައްފަ (ކެޕްޓަން)
2- އައިޝަތު މާޖިދާ (ވައިސް ކެޕްޓަން)
3- ފާތިމަތު ޒީނިޔާ މޫސާ
4- އައިމިނަތު ރިޔާޝާ
5- އައިމިނަތު އަރީޝާ
6- ހައްވާ ސަހާ
7- ފާތިމަތު ޖޫޒާން
8- ޝައުފާ އާދަމް
9- ހައްވާ ރާޝިދާ
10- ޝިލްމާ ޒާހިރު
11- ފާތިމަތު ނަޒިއްޔާ
12- ނުހާ ވަހީދު
ރާއްޖޭގެ ޓީމުގެކޯޗަކީ ރާއްޖޭގެ ކާމިޔާބު ކޯޗު އަހްމަދު އަދީލް (ބޭބެ)އެވެ. އަދި މޭޖަރަކީ އަބްދުﷲ ރަޝީދު އެވެ.
މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލްއާއި އީރާނެވެ. މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއާއި ނޭޕާލް ބައްދަލުކުރާއިރު، މިމަހުގެ 28 ވަނަ ދުވަހު ބައްދަލުކުރާނީ ނޭޕާލްއާއި އީރާނެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ