ނަޝީދު ފިޔަވައި ހުރިޔާ ރިޔާސީ ކެނޑިޑޭޓުން އެއް ރަސްމިއްޔާތެއްގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް މިހާތަނަށް އިޢުލާންކުރައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން މިއަދު ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފި އެވެ.
މި ހުރިހާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވަނީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 23 އަކީ "ހަނދާނުގެ ދުވަހު"ގެ ގޮތުގައި ކަނޑައަޅައި އެކަން ފެށުމަށް މިއަދު އިސްކަންދަރުކޮށި ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި އެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެޑައިގެންނެވި ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ.
މީގެއިތުރުން ޔާމީންގެ ރަނިންމޭޓު އަދި ކުރީގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރަސްމިއްޔާތަށް ރިޔާސީ ކެންޑިޑޭޓުންންގެ ހައިސިއްޔަތުން އެއްވެސް ބޭފުޅަކަށް ދައުވަތު ދީފައި ނުވާނެ ކަމަށާއި އެ ރަސްމިއްޔާތަށް ދައުވަތު ދެއްވީ ކުރީގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރުންގެ ހައިސިއްޔަތުން ކަމަށެވެ.
އަދި ކުރިން ފުލުހުންގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ދައުވަތު ދިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ހޯމް މިނިސްޓަރުކަން ކުރެއްވި އަދި ރައީސް ވަހީދުގެ ރަނިން މޭޓް އަހުމަދު ތަސްމީން އަލީ މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ރަސްމިއްޔާތަށް ފަހު ކެންޑިޑޭޓުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމް ކުރައްވާފަ އެވެ. އަދި ޝަހީދުވި ފުލުހުންގެ އާއިލާތަކާއި އެހެން ފުލުހުންނާ ވެސް ކެންޑިޑޭޓުން ބައްދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ