އާރިފް އަދި ޝިފާގު ގެ ވާހަކަތަކާ ގުޅިގެން މައުމޫން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރަށާއި ރައީސް ވަޙީދަށް ފާޑުވިދާޅުވެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވާހަކަދައްކަވާފައިވާތީ އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެސްއެމްސް ފޮނުވައިފި އެވެ.އާރިފް އަދި ޝިފާގު ގެ ވާހަކަތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ހުރިހާ ކައުންސިލް މެންބަރުންނަށް ރައީސް މައުމޫން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުރެއްވި އެސްއެމްއެސްގައި ވިދާޅުވެފައި ވަނީ އެފަދަ ބަހުގެ ހަމަލާތަކުގެ ސަބަބުން، މި ސަރުކާރުން ދެކެނީ އެއީ އެމަނިކުފާނު ކުރުވާ ކަމެއްގެ ގޮތުގައި ކަމަށެވެ.މިކަން ކަށަވަރުކޮށްދެއްވާ އޮންލައިން ނޫހެއް ކަމަށްވާ ސަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރު ނަސީރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ނުދެއްކުމަށް ޕީޕީއެމްގެ ކައުންސިލުން ވެސް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ދެ މެންބަރުންގެ މައްސަލަ ނުބަލައި ޕްރައިމަރީގައި ހިންގާފައިވާ އޮޅުވާލުންތައް ފަޅާއަރުވާލި ދެ ބޭފުޅުންގެ މައްސަލަ ބެލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަށެވެ.މިމަހުގެ 15 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު ވަހީދު ކުރައްވަމުން ގެންދަވާ ކަންކަމަކީ ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުން ކަމަށާ އަދި މި ދަތުރުތަކުގައި މަޖިލީހުގެ މެންބަރުންނާއި މަޖިލިސް ބަދުނާމްކޮށް ފުރައްސާރަ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ވަހީދުގެ ކެމްޕެއިން ދަތުރުތަކަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ އާރިފް ވަނީ ނަހަމަ ގޮތުގައި ފައިސާ ހޯއްދެވުމަށް ޑރ. ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.މިހާރުގެ ސަރުކާރަށާއި ހާއްސަކޮށް ރައީސް ވަހީދުގެ ޒާތަށް އަމާޒުކޮށް ހުތުރުކޮށް ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފާޑުކިޔައިފައިވުމާ ގުޅިގެން މަޢުމޫނު އެކަމަށް ކަންބޮޑުބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް މުހަންމަދު ވަހީދާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުން މިމަހުގެ 22 ވަނަ ދުވަހުގެ ރޭ މުލީއާގޭގައި ވަނީ ބައްދަލު ވުމެއް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ