ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ އެކު، ކްރިމިނަލް ކޯޓުގެ ގާޒީން، އޭނާ ހައްޔަރުކޮށްފައިވާ ގިރިފުށީގައި ބައްދަލުކުރައްވައިފި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ސަރުކާރުގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓުގެ ހަ ގާޒީން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ސަރުކާރުން ބޭނުންވާ ބައެއް ކަންކަމާ ބެހޭ ގޮތުންނެވެ. ނަމަވެސް އެ ކަމުގެ ތަފްސީލެއް ނޫހަށް ލިބިފައެއް ނެތެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ގިރިފުށީގައި އަބްދުﷲ ގާޒީ ބަހައްޓާފައި ހުންނަވަނީ ތިން ބުރި އިމާރާތެއްގެ އެންމެ މަތީ ބުރީގެ ކޮޓަރިއެއްގަ އެވެ. ނަމަވެސް އޭނާ އަށް އެ ރަށު ތެރޭގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ދީފައި އޮވެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބައެއް އަދި ނުލިބެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގިރިފުއްޓަށް ގެންދިޔަ ފަހުން އޭނާ، އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ފޯނުން ވާހަކައެއް ނުދައްކަވަ އެވެ. އަދި ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ދީފައެއް ނުވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ އަބްދުﷲ ގާޒީއާ ބައްދަލުކުރައްވައިފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ އިރު، އޭނާ އަސްކަރީ ބަންދުން ދޫކޮށްލުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް ވަނީ ގޮވާލައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީން އަބްދުﷲ ގާޒީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ