ޑރ. ހަސަން ސައީދުގެ ވެރިކަމެއްގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަނިޔާވެރި ގޮތަށް ކަންތައްތައް ކުރަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލްގެ ރިޔާސީ މެނިފެސްޓޯއާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދެއްވުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި، އޭނާގެ ވެރިކަމެއްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ މެދު އަމަލުކުރައްވާނީ ކޮންގޮތަކަށްތޯ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ލ. މެމްބަރު އަދި ނެޝަނަލް ކޮންގްރެސްގެ މުއައްސިސް މުހައްމަދު ނައީމް (މޮނާޒާ ނައީމް) ކުރެއްވި ސުވާލުގެ ޖަވާބުގައި ޑރ. ހަސަން ވިދާޅުވީ "މާޒީއަށް ބަލައިގެން އުޅެންޏާ އަޅުގަނޑުގެ ތިޔަ ހުށަހެޅުމުގެ (މެނިފެސްޓޯ) އެއްވެސް ކަމެއް ރައްޔިތުންނާ ހަމައަށް ގެނެސް ނުދެވޭނެ" ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާގެ ކަރުގައި ވާ ޖަހައިގެން އަނިޔާވެރި ގޮތަކަށް ކަންތައް ކުރަންޖެހޭނެ ކަމަކަށް. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅާއަށް ވެސް އަދި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަދި ކޮންމެ އިންސާނަކަށް ވެސް އިންސާފު ލިބެންޖެހޭނެ. އަޅުގަނޑުގެ އަމާޒަކަށް އޮންނާނީ ކުރިޔަށް، ކުރި މަގަށް ބެލުން. މާޒީއަށް ބަލައިގެން އުޅެންޏާ އަޅުގަނޑުގެ ތިޔަ ހުށަހެޅުމުގެ އެއްވެސް ކަމެއް ރައްޔިތުންނާ ހަމައަށް ގެނެސް ނުދެވޭނެ. އަޅުގަނޑު ބަލާނީ މުސްތަގުބަލަށް. މާޒީން ފިލާވަޅުތަކެއް ހާސިލުކުރާނަން. މިސްޓޭކްސްތައް ރިޕީޓްނުވޭތޯ އަޅުގަނޑު ބަލާނަން،" ރައީސް މައުމޫންގެ ސަރުކާރުގައި ހަތަރު ވަރަކަށް އަހަރު ދުވަހު އެޓާނީ ޖެނެރަލްކަން ކުރައްވާފައި، އަމިއްލަ އަށް އިސްތިއުފާ ދެއްވައިފައިވާ ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަންގެ އެ ޖަވާބާ ދޭތެރޭ ހިތްޕުޅުހަމަނުޖެހިގެން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ މެދު އަމަލުކުރައްވާނެ ގޮތާ ބެހޭ ގޮތުން ތަކުރާރުކޮށް މޮނާޒާ ނައީމު ސުވާލު ދެންނެވުމުން ޑރ. ހަސަން މިސާލު ނެންގެވީ ދެކުނު އެފްރިކާގެ ދޮން މީހުންނާއި ކަޅު މީހުންގެ ހަމަނުޖެހުންތަކުންނެވެ. އޭނާ ވިދާޅުވީ ސައުތު އެފްރިކާގައި ދޮން މީހުން އަތްގަދަކޮށްގެން އެތައް އަހަރެއް ވަންދެން އެތައް ބަޔަކު ވަޒީފާތަކުން މަހުރޫމްކޮށް، ނިކަމެތިކުރިއިރު ވެސް، ދޮން މީހުންގެ ވެރިކަން ނިމުން، އެ ގައުމުގައި ލޭ އޮހުރުވުމަކަށް ނުދިޔައީ ދެކުނު އެފްރިކާގައި ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި ވަޑައިގެންނެވި ލީޑަރުންގެ ސަބަބުން ކަމަށެވެ.
"އެ މީހުން ގަސްދެއް ނުކުރި ބޭއިންސާފު އަމަލުތައް ހިންގި ހުރިހާ އެންމެން ގެނެސް ޝަރީއަތްކޮށް، ނިޔާ ކަނޑައަޅައި އެ އެންމެންގެ ގަތުލު އާންމު ހިންގާކަށް. ޓުރުތް އެންޑް ރިކޮންސިލިއޭޝަން ކޮމިޝަނެއް ހަދައިފައި އެ ކޮމިޝަނަށް އެ ހުރިހާ ކަންކަމުގެ ތުހުމަތު ކުރެވުނު މީހުން ހާޒިރުކޮށް އެ މީހުންގެ ވާހަކަތައް އަޑުއެހީ. އެއިން އިބްރަތްތަކެއް ހާސިލްކުރީ. އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްނުދިން މީހުންނާ މެދު ފިޔަވަޅުތަކެއް އެޅިކަން އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް މާޒީން އިބްރަތްތަކެއް ހާސިލުކޮށްގެން މުސްތަގުބަލަށް އެމީހުން މިސްރާބު ޖެހީ،" ރައީސް މައުމޫންގެ ސަރުކާރުގައި ރައީސާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި ޑރ. ހަސަން ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް 30 އަހަރުގެ އަނިޔާވެރި ވާހަކަ ދައްކައިފައި އަނެއްކާ ވެސް އާ ފެށުމަކަށް ގޮސްފައި ރާއްޖޭގައި އޮންނަ ފުރަތަމަ މަލްޓި ޕާޓީ އިލެކްޝަން ކާމިޔާބުކުރާ ފަރާތަކީ ވޭތުވެދިޔަ 30 އަހަރުގެ އަނިޔާވެރިކަން ތަހުގީގުކުރާ ފަރާތަކަށް ވެއްޖެ ނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް އަނެއްކާ ވެސް އިންސާފެއް ނުލިބުނީ. އެކަން ކުރާ ބަޔަކު އެކަންކޮށް ނިންމުމަށް ފަހު ދެން އަނެއްކާ ވެސް ޖެހޭނީ އެހެން ބަޔަކު ހޯދަން. ދެން އަންނަ ބަޔަކު ޖެހޭނީ އެ ފަސް އަހަރުގެ ތެރޭގައި އެކަން ކުރި ބަޔަކާ މެދު އިންސާފުކުރަން. އެހެންވީމަ މިއީ ދުވަހަކު ނިމުމަކަށް އަންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޑރ. ހަސަނާއެކު މަސައްކަތް ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިއްރު އެޖެންޓުންތަކެއްތޯ މޮނާޒާ ނައީމު ދެންނެވުމުން ޑރ. ހަސަން ވިދާޅުވީ "އަޅުގަނޑު ކަހަލަ ގިނަ އެޖެންޓުން މި ރާއްޖޭގައި ތިބި ނަމަ ރައީސް މައުމޫންގެ ސަރުކާރު މީގެ މާ ކުރިން ނިމުމަކަށް އަންނާނެ" ކަމަށެވެ.
"އަޅުގަނޑުމެން ތިން މީހުންނަކީ އިސްލާހީ އެޖެންޑާއެއް ހުށަހަޅައި ރައީސް އެއަށް ކޮމިޓްކުރުވައި އަދި ހުރިހާ ފަރާތްތަކުގައި ވެސް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން އައީ މި ސަރުކާރަކީ ވަރަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ސަރުކާރެއް ކަމާއި އަޅުގަނޑު މި އޮތީ ރާއްޖެ އިސްލާހުކުރުމަށް ޕޮލިސީތަކެއް ކަނޑައަޅައިފައި ހުށަހެޅުންތަކެއް ހުށަހަޅައިފައި ކަމަށް. މި ތަންފީޒުކުރުމަށް އަޅުގަނޑަށް މުހުލަތު ދޭށޭ. މިކަން ނުކުރެވޭ ދުވަހު އަޅުގަނޑު އިސްތިއުފާ ދޭނަމޭ. އެކަމަށް ހެކިވާނެ މީހުން، ގޯގޯ ލަތީފު (އެމްޑީޕީގެ ވަގުތީ ޗެއާޕާސަން) އެ ހުންނެވީ. އަޅުގަނޑު އިސްތިއުފާ ދިނުމުގެ އެތައް ދުވަހެއް ކުރިން އޭނަ ކައިރީގައި ދެންނެވިން މި ކަންތައްތައް ނުވާ ދުވަހު އަޅުގަނޑު އިސްތިއުފާ ދޭނަމޭ. އަޅުގަނޑާ ބައްދަލުކުރި ހުރިހާ ސަފީރުންގެ އަރިހުގައި ދެންނެވިން މިކަންތައް ނުވާ ދުވަހު އަޅުގަނޑު އިސްތިއުފާ ދޭނަމޭ. އަޅުގަނޑުމެން ކަހަލަ އިތުރު އެޖެންޓުންތައް އުފައްދަންވީ. އޭރުން ރައީސް އަރިހުގައި އުޅުއްވާނެ ބޭފުޅުންނެއް ނޫޅުއްވާނެ. ރައީސް މައުމޫންގެ ވެރިކަން ވެސް ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރެވޭ،" ޑރ. ހަސަން ވިދާޅުވި އެވެ.
ރައީސް މައުމޫނާ މެދު ޑރ. ހަސަންގެ ސަރުކާރެއްގައި އަމަލުކުރައްވާނެ ގޮތަކީ ކޮބައިތޯ އާއި ޑރ. ހަސަނަކީ ރައީސް މައުމޫންގެ ސިއްރު އެޖެންޓެއްތޯ މޮނާޒާ ނައީމު ދެންނެވި ސުވާލާ ގުޅިގެން ޑރ. ހަސަނާއެކު މަސައްކަތް ކުރައްވާ ސަންދާނު އަހައްމައިދީ ވަނީ މޮނާޒާ ނައީމަށް ރޭގެ ބައްދަލުވުމުގައި ބަހުގެ ހަމަލައެއް ވެސް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މޮނާޒާ ނައީމު އެ ސުވާލު ކުރެއްވީ ސިޔާސީ ވިސްނުންތަކެއްގެ ތެރެއިން ކަމަށާއި "ނައީމަކީ ހަގީގަތުގައި މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ވަރަށް ތަނަވަސްކަމާއެކު ވަރަށް ބައިވަރު އެއްޗެހިތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް" ކަމަށާއި "އެކަމަކު ޑރ. ހަސަން ސައީދަށް އެއްވެސް އެއްޗެއް ލިބިވަޑައިގެންފައެއް ނެތް" ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ ޖީޑީޕީގެ 40 ޕަސެންޓް ޑެފިސިޓްވާނެ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވާއިރު އެއީ ދެން އަންނަ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެކަން ފޫބައްދާނީ "ބެލްޓް ޓައިޓްކޮށްގެން" ކަމަށެވެ.
ޑރ. ހަސަންގެ ވާހަކައިގައި ވަނީ އެއާ މޯލްޑިވްސްގެ މައްސަލައަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއާ މޯލްޑިވްސްގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ސަބަބުން އެ ބައެއްގެ ދަރަނި އެ ބަޔަކު ދައްކާ ގޮތަށް ހަމަޖެހިއްޖެ ނަމަ އިތުރަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ދަރަންޏެއް ސަރުކާރުގެ ބޮލުގައި އެޅިގެންދާނެ ކަމަށެވެ.
"އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ ދިވެހި ސަރުކާރުން ޒިންމާ އުފުލަންޖެހޭ ކަމެއް ވެސް ނޫން. އެހެން ނަމަވެސް މި ސަރުކާރުގެ ނެގޯޝިއޭޝަން ހުރި ގޮތުން އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ،" ޑރ. ހަސަން ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމަށްޓަކައި ހުށަހަޅުއްވައިފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ފަސް އަހަރުގެ ތެރޭގައި ހާސިލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ހަރަދުވާނެ ގޮތުގެ ތަފުސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
ޑރ. ހަސަންގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ފަސް އަހަރުގެ ތެރޭގައި ހާސިލު ނުކުރެވިއްޖެ ނަމަ އިތުރު ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާނެތޯ ރައްޔިތުންގެ މަޖިލީހުގެ ދ. މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ސުވާލު ދެންނެވުމުން ޑރ. ހަސަން ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ހާސިލު ނުވިޔަސް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ކުރަން ވައުދުވި ކަންތައްތަކެއް ނުފުއްދިއްޖެ ނަމަ، އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށާއި "އޭރުން އަޅުގަނޑު ވެސް ވައުދު ނުފުއްދުމުގެ ސަގާފަތް ދަމަހައްޓާ މީހަކަށް" ވީ ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ ރިޔާސީ ގަނޑުވަރު ތީމުގެ އަކީ ރައްޔިތުންނަށް ފައިދާ ހުރި ތަނަކަށް ހައްދަވާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ވެސް ވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބު 2008: މިހާރުގެ ރައީސަށް އަނިޔާވެރި ގޮތަށް ކަންތައްތައް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން: ޑރ. ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ