ހުޅުމާލޭގެ ފްލެޓްތަކުގެ ކުލި މި ހަފުތާގައި ކުޑަކުރައްވާ ގޮތަށް ހަމަޖައްސައިފި

ހުޅުމާލޭގެ ފްލެޓްތަކުގެ ކުލި މި ހަފުތާގައި ކުޑަ ކުރައްވާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފި އެވެ.
ޓީވީ މޯލްޑިވްސްގެ ރޭ އަށެއްގެ ހަބަރަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ ޑިރެކްޓަރު މަހުޖޫބު ޝުޖާ ވިދާޅުވީ ހުޅުމާލޭގައި ހުރި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުލި ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތުން މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާތަނަށް ވަކި ގޮތެއް ނިމިފައި ނުވަނީ ބައެއް ޓެކްނިކަލް އިޝޫސްތައް ހުރުމުން. އިއުލާންކުރާއިރު ހުޅުމާލޭގައި މިހާރު ހުރި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން މިހާރު މަހަކު ދައްކާ އަދަދު ކުޑަވެގެންދާނެ،" މަހުޖޫބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކުގެ ކުލި ކުޑަކުރާއިރު، ގޯތިތަކަށް ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދަށް ވެސް ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
ހުޅުމާލޭ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ހުޅުމާލޭގައި ދިރިއުޅޭ 140 މީހަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލިހަށާއި ސަރުކާރަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ.
"ސަރުކާރުން ދިވެހި ރައްޔިތުން ދިރިއުޅުމަށްޓަކައި ދިވެހި ރައްޔިތުންނަށް މާލެ އާއި ވިލިނގިިލިން ދެއްވާފައިވާ ފްލެޓްތަކުގެ ކުލިވެސް މިހާރު ކުޑަކޮށް ދެއްވާފައި ވާތީ، އަޅުގަނޑުމެންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށް ވާތީ އަޅުގަނޑުމެން ދިރިއުޅުމަށް ޓަކައި ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ފްލެޓްތައް ވެސް ހަމަ އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން އަޅުގަނޑުމެންނަށް ވެސް ފްލެޓްގެ ކުލި ކުޑަ ކޮށްދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެމެވެ." ހަތް ސޮފުހާގެ އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އިބްރާހިމް ރަފީގު ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ގޯތިތަކަށް ކުލި ދައްކަން ޖެހޭ މުއްދަތަށް ބަދަލު ގެންނަވައި، މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.
"އިރާދަކުރެއްވިޔާ ޖެނުއަރީ މަހުން ފެށިގެން އެކަމާ ގުޅޭ އަމަލީ ކަންތައްތައް ފެނިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ. ވަރަށް އަވަހަށް އެކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާނެ،" ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ބައްދަލުވުމެއްގައި އާންމު ފަރާތަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރަފީގު ވިދާޅުވެފައި ވެ އެވެ.
އެޗްޑީސީގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކުއްޔަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާތީ ފްލެޓްތަކުގައި އުޅޭ މީހުން ވަރަށް ގިނައިން ޝަކުވާ ކުރަމުންދާ ކަމަށެވެ.
"ޖެނުއަރީ މަހު ސަރުކާރުން ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައި އޮތުމުން ވަރަށް ގިނަ މީހުން ޝަކުވާ ކުރަމުންދޭ އެކަން ނުވެގެން. އެކަމަކު ޓެކްނިކަލް ކަންތައްތަކެއް ހުރެގެން ލަސްވެގެން ދަނީ. މިހާރު ވެސް މިދަނީ އެކަމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރަމުން. ނިންމާ ގޮތެއް މި ހަފުތާގައި އަޅުގަނޑުމެން އިއުލާން ކުރާނަން،" ސުހެއިލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ މިހާރު 2،900ރ. އެވެ. ތިން ކޮޓަރީގެ ފްލެޓެއްގެ ކުއްޔަކީ 3،400ރ. އެވެ. އަދި ހަތަރު ކޮޓަރީގެ ކުއްޔަކީ މަހަކު 4،300ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ