މި އިންތިޚާބުގެ ބޮޑު މަންޒަރަކީ ރިޔާސީ އިންތިޚާބު މި ޕާޓީން ކާމިޔާބުކުރުން: އެމްޑީޕީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ވެރިކަންކުރާ އެމްޑީޕީ އަށް ކަމަށާއި ޑީއާރުޕީ އަށް ވުރެ ހަތަރު ޕަސެންޓް އިތުރަށް އެމްޑީޕީ އަށް ވޯޓު ލިބިފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީން ކަމަށް އެ ޕާޓީން ބަލާ 10 ކަމެއް ފާހަގަކޮށް ތަފްސީލީ ބަޔާނެއް މިއަދު ވަނީ ނެރަފަ އެވެ.
އެ ބަޔާނުގައިވަނީ މި އިންތިޚާބުގެ ކާމިޔާބީ އެމްޑީޕީން ވަރަށް އުފަލާ އެކު ފާހަގަކުރާ ކަމަށާއި "ބޮޑު މަންޒަރަކީ" ރިޔާސީ އިންތިޚާބު ވެސް އެ ޕާޓީ އަށް ކާމިޔާބުވުން ކަމަށެވެ.
"މި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ރަމްޒުކޮށްދެނީ، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ އަށަގެންނެވުމަށް ސަރުކާރާއި މިޕާޓީން ކުރަމުންގެންދާ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ކަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ. "ދައުރުގެ މެދުތެރެއިން މި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ފެންނަން އޮތް ބޮޑު މަންޒަރަކީ 2013 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ދިވެހި ރައްޔިތުން އަތުކުރި އޮޅާލައިފައިވާ މިންވަރުގެ ބޮޑު ކަމެވެ."
ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ ގިނަ ގޮނޑިތައް އިދިކޮޅު ޑީއާރުޕީ އަށް ލިބިފައި ވިޔަސް، އެމްޑީޕީން ބުނިގޮތުގައި ވޯޓުލީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓު ކާމިޔާބުކުރީ އެމްޑީޕީންނެވެ.
"ޚުދުމުޚުތާރު ވެރިކަމަކުން ޑިމޮކްރަސީއަށް ބަދަލުވި ގައުމުތަކާއި ޑިމޮކްރަސީ ފުރިހަމައަށް ގާއިމުވެފައިވާ ގައުމުތަކުގައި ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުތަކުގައި ދުނިޔެ ދައްކާފައިވާ ހަގީގަތަކީ، އިދިކޮޅު ޕާޓީއިން އެ އިންތިޚާބުތަކުގައި ކުރި ހޯދާކަމެވެ. ނަމަވެސް މި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޑީއާރުޕީން ވަނީ މިކަން ކުރުމުގައިވެސް ފެއިލްވެފައެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އެމްޑީޕީއަށް 44 ޕަސެންޓް ވޯޓު ލިބިފައިވާ ކަމަށާއި "ހުރިހާ އިދިކޮޅު ފަރާތްތައް އެކުވެގެން ކުރި މަސައްކަތުން" ޑީއާރުޕީއަށް ލިބިފައިވަނީ 40 ޕަސެންޓް ކަމަށެވެ.
"އެމްޑީޕީ ވުޖޫދަށް އައުމަށް ފަހު މިޕާޓީއިން ވާދަކުރި ކޮންމެ އިންތިޚާބެއްގައި ފަހަރަކަށް ވުރެ ފަހަރެއް ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ދަނީ އިތުރުވަމުންނެވެ. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި މިފަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ވޯޓުގެ ޕަސަންޓޭޖް އަޅާކިޔާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް 25 އިންސައްތަ ލިބިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް 33 އިންސައްތަ ލިބިފައިވެއެވެ. އަދި ނިމިދިޔަ ލޯކަލް އިންތިޚާބުން 44 އިންސައްތަ މީހުންގެ ސީދާ ވޯޓު އެމްޑީޕީއަށް ލިބުނެވެ."
ރާއްޖޭގެ އާބާދީބޮޑު ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލެ އާއި އައްޑޫ ސިޓީން އެމްޑީޕީ އަށް ވަރަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާކަން ފާހަގަކޮށް އެމްޑީޕީޏް ބުނީ "ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރެވޭ މޭޔަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާނެ ދެ ބޭފުޅުންނަށް ވާނެކަމީ މިޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއިން އެމްޑީޕީއަށް ލިބިފައިވަނީ 11 ގޮނޑީގެ ތެރެއިން ހަތް ގޮނޑި ކަމަށް ވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ އިން ނުވަ ގޮނޑި އެމްޑީޕީ ކާމިޔާބުކުރިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫގެ ހަ ގޮނޑީގެ ތެރެއިން ތިން ގޮނޑި އެމްޑީޕީއަށް ލިބުނުއިރު މިފަހަރުގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ނެގީ އެމްޑީޕީންނެވެ.
ކުރިން ވެސް އެމްޑީޕީ އަށް ތާއީދު ބޮޑު ރަށްތަކުން އިހުނަށްވުރެ ބޮޑު ކާމިޔާބީއެއް މިފަހަރު ލިބިފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އެގޮތުން ރަށު ކައުންސިލްގައި ހަތް މެމްބަރުން ތިބޭ އެންމެ އާބާދީ ބޮޑު އަށް ރަށުގެ ތެރެއިން ހއ. ހޯރަފުށި، ހއ. ދިއްދޫ، ޅ. ހިންނަވަރު، ލ.ގަން އަދި ގދ. ތިނަދޫން "ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް" އެމްޑީޕީން ވަނީ ހޯދާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑިޕީން ހޯދި އަނެއް ކާމިޔާބީއެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކުރަނީ ކުރިން ޑީއާރްޕީއަށް "އާދަޔާ ޚިލާފަށް" ތާއީދު ބޮޑު ހދ. ކުޅުދުއްފުށީގެ ހުރިހާ ގޮނޑިއެއް މިފަހަރު އެމްޑީޕީން ކާމިޔާބުކޮށްފައިވުމެވެ. އަދި ޑީއާރްޕީގެ ނުފޫޒުގަދަކަމަށް ބެލެވޭ ސަރަހައްދުތަކުގެ ގޮނޑިތައް ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ލ. އިސްދޫކަޅައިދު އާއި ލ. ގަމާއި ކ. ދިއްފުށްޓާއި ބ. ކެންދޫގެ ރަށު ކައުންސިލާއި އއ. ތޮއްޑޫ ދާއިރާއާއި ޅ. ކުރެންދޫ ދާއިރާގެ އިތުރުން ހދ. ވައިކަރަދޫ ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ.
އާބާދީ ކުޑަ ރަށެއްގެ ގޮތުގައި ބެލެވޭ ރ. ކިނޮޅަސް ފަދަ ރަށެއްގެ ރަށު ކައުންސިލްގެ އަޣުލަބިއްޔަތު އަދާލަތު ޕާޓީއަށް މިއިންތިޚާބުގައި ލިބިފައި ވިޔަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއާ ސީދާ އިދިކޮޅަށް ނުކުތް އަދާލަތު ޕާޓީއަށް މިއިންތިޚާބުގައި ވެސް ރަނގަޅު ނަތީޖާއެއް ލިބިފައި ނުވާކަން ފާހަގަކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އަދާލަތު ޕާޓީގެ ތާއީދު ބޮޑުކަމަށް ކުރިން އެޕާޓީން ބުނި ހދ. ވައިކަރަދޫ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންކަން ވެސް ވެރިކަންކުރާ ޕާޓީން ފާހަގަކުރެ އެވެ.
"މިކަމުން ދޭހަކޮށްދެނީ އިންތިޚާބެއް ކާމިޔާބުކުރުމަށް މާތްވެގެންވާ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ މިއަދު ދިވެހިން ގަބޫލުކުރާ ހަމައަކަށް ނުވާކަމެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ފާހަގަކުރާ އަނެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް އދ. މާމިގިލީ ރަށު ކައުންސިލުން ޖުމްހޫރީ ޕާޓީ އަށް އަޣުލަބިއްޔަތު ލިބިފައި ވިޔަސް، ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގެ ކައުންސިލެއްގެ އަޣުލަބިއްޔަތު ޖުމްހޫރީ ޕާޓީ އަށް ލިބިފައިނުވުމެވެ.
އަދި 2008 ގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި މިހާރު ދިވެހި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދަށް އައްޑޫން "ކޮންމެވެސް ވަރެއްގެ ތާއީދެއް" އެފަހަރު ލިބިފައި ވިޔަސް އޭނާ ނިސްބަތްވާ އައްޑޫ ސިޓީން މިފަހަރު އެންމެ ގޮނޑިއެއް ވެސް ގައުމީ ޕާޓީއަށް ނުލިބުނު އިރު، މުޅި ރާއްޖެއިން ވެސް ގައުމީ ޕާޓީއަށް ލިބިފައިވަނީ އެންމެ ގޮނޑިއެއްކަން އެމްޑީޕީން ފާހަގަކުރެ އެވެ.
"މިކަމުން ގައުމީ ޕާޓީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ވަޒަން ކުރެވެއެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ