ކަރަންޓު ފިސްތޯލަ ބޭނުން ކުރުމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ: ސީޕީ

ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި އެކަމާ ގުޅޭގޮތުން ބަހުސް ކުރެވެން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ފުލުހުންނަށް ޓޭޒާ ގަން ދޭން އުޅޭ ކަމަށް މުހައްމަދު ހަމީދު އިއުލާންކުރެއްވުމާ އެކު، އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ. މިއަދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ ކަރަންޓު ފިސްތޯލަ ނޫނަސް އެހެން ކަހަލަ އާލާތެއް ބޭނުން ކުރަން ފެށިޔަސް ފުލުހުން އެތަކެތި ބޭނުންކުރަނީ ރަނގަޅު ގޮތަށްތޯ ބެލުމަށް ރައްޔިތުންނަށް ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނަރުގެ ހައިސިއްޔަތުން ބަލައިގަންނަ ކަންބޮޑުވުންތަކެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. "އެތަކެތި ބޭނުންކުރާއިރު ސުވާލު ކުރާނެ އެތަކެތި ބޭނުންކުރަނީ ރަނގަޅަށްތޯ. އަދި އެ ބޭނުންކުރާ ފަރާތްތައް ގާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެތޯ،" އޭނާ ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ އަދި މިހާތަނަށް އެ ފިސްތޯލަ ބޭނުންކުރަން ފަށާފައިވަނީވެސް ޓްރައިލްކޮށް އެކަނި ކަމަށެވެ. އަދި އެކަމުގެ ޕޮލިސީ އާއި ޕްރޮސީޖާ އަދި ޓްރެއިނިންގެ މަސައްކަތް މިހާރު ހުރީ ރޭވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. "އެއްވެސް ހާލަތެއްގައި ފުލުހުން މިތަކެތި ބޭނުންކުރަން ފެށީއެއް ނޫން. ފުލުހުން މަގުމަތީގައި އުޅޭއިރުވެސް މި ތަކެތި ހިފައިގެންނެއް ނޫން އުޅޭނީ،" އޭނާ ވިދާޅުވި އެވެ. އެ ފިސްތޯލަ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށާއި އޭގައި އާންމު ރައްޔިތުންގެ ހިޔާލުވެސް ހޯދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ އާލާތްތަކީ އެ މާހައުލަކާއި ހާލަތާ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލުވާން ޖެހޭ ތަކެތި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ