މުޅި ރާއްޖެއަށް އަމާޒުކޮށްގެން ޓޫރިޒަމް ދާއިރާގެ ކުރު މުއްދަތުގެ ޕްރޮގްރާމްތައް ފެށުމަށް ނައިބު ރައީސް ފައިސަލް ނަސީމް، ކަމާބެހޭ އިދާރާތަކާ މިއަދު މަޝްވަރާކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ކަމާބެހޭ އިދާރާ އަދި ރަށްރަށުގެ ކައުންސިލްތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާގެ ތެރެއިން ދިވެހިންނަށް އަދާކުރެވެން ހުރި ވަޒީފާތަކުގައި ވީހާ ވެސް ބޮޑަކަށް ދިވެހިން ބައިވެރިކުރުން ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ވީހާ ވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވާޗުއަލްކޮށް ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް ވީހާ ވެސް ގިނަ ދިވެހިން ބޭނުންވާ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ މި ހާލަތަކީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ހޯދައިދޭން ލިބޭ ފުރުސަތަކަށް ހަދައި އެމީހުން ތަމްރީނުކުރުމުގެ މުހިއްމުކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގެ ބައެއް ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައި އޮންނަ ވަޒީފާތަކަށް ހެދުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
ކުރު މުއްދަތުގެ ތަމްރީނާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ވިދާޅުވި ގޮތުގައި މީހުން ބިނާކުރަން ހާއްސަކޮށްގެން ދިރާސާއެއް ހެދުމަށްފަހު ސެޓްފިކެޓް ލެވެލް ތިނެއްގެ 20 ކޯހެއް ޑިޒައިންކޮށް އެ ކޯސްތައް ފަށަން ވަނީ ތައްޔާރުވެފަ އެވެ. އެ ކޯސްތައް ހިންގާނީ ކިޔަވައިދިނުމުގެ ބަޔާއި ރިސޯޓުގައި އަމަލީ ތަޖުރިބާ ފުރިހަމަކުރެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އެ ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެންމެން ގުޅިގެން މަސައްކަތްކޮށް ފުރިހަމަ ގޮތުގައި އެ ކޯސްތައް ހިންގައި ނަތީޖާ ނެރެދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ޓޫރިޒަމް ދާއިރާގެ ކުރު މުއްދަތުގެ ކޯސް ފެށުމާ ބެހޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ