މާލޭގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ވަރަށް އަވަހަށް ހަމަޖައްސާނަން: ރައީސް

މާލޭގެ ރައްޔިތުން ޕިކްނިކު ދާނެ ރަށެއް މާލެ ކައިރިން ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އީވާ އަބްދުﷲގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާލޭ ސަރަހައްދުގައި ދަތުރުގޮސް، ހިތްހަމަޖައްސާލާ ހަދާނެ ރަށެއް ނެތުމަކީ މާލޭގެ އެތައް ރައްޔިތެއްގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް މާލޭ ރައްޔިތުންގެ މި ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަތުރު ދިއުމަށް ހަމަޖައްސާ ރަށް ވެގެންދާނީ ދަތުރުގޮސް އުޅެލަން އެންމެ އެކަށީގެންވާ ގޮތަށް ފުރިހަމަ ވަސީލަތްތައް އެކުލެވިގެންވާ ރަށަކަށް ކަމުގައެވެ. އެހެންނަމަވެސް ދަތުރު ދިއުމަށް ތައްޔާރުކުރަނީ ކޮން ރަށެއް ކަމެއް އެމަނިކުފާނު ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.
މާލޭގެ ރައްޔިތުން ހިތްހަމަޖައްސާލައި މަޖާކޮށްލުމަށް ދާނެ އެއްވެސް ފަޅު ރަށެއް މިވަގުތު މާލެ ކައިރީގައި ނެތެވެ. މީގެ ކުރިން ކުޑަ ބަނޑޮސް އަދި ފުލުހުން ރަށެެއްގެ ގޮތުގައި ކުރިން އޮތް ފޭދޫ ފިނޮޅަކީ މާލެ ކައިރިން ޕިކްނިކް ގޮސް އުޅުމަށް ބައެއް ފަރާތްތަކުން ބޭނުން ކުރި ދެ ރަށެވެ. އެހެންމަވެސް ރިސޯޓް ތަރައްގީކުރުން ފަދަ މަޝްރޫއުތަކަށް މި ރަށްތައް ކުއްޔަށް ދިނުމުން މާލޭ ރައްޔިތުން ހިތްހަމަޖައްސާލަަން ދާނެ ހާއްސަ ރަށެއް މާލެ ކައިރީގައި ނެތެވެ. އެހެންކަމުން މާލެ ކައިރިން މާލޭގެ ރައްޔިތުން ހިތްހަމަޖައްސާލަން ދާނެ ރަށެއް ހަމަޖެއްސުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ކަނޑައެޅި ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ