ފަނޑިޔާރު އަބްދުﷲ ދީދީއަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު މިކުރީ، އަބްދުﷲ ދީދީއާ ދެކޮޅަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައަކާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ އޭނާ ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނިކޮށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް މިނެރުނީ، ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅި މައްސަލަ ބަލައިގަނެ، ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ވަކި ގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީއަށާއި، އަދި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ވަގުތީ ނެރެދިނުމަށް ފަނޑިޔާރު އަބްދްﷲ ދީދީ އެދިވަޑައިގަތުމުންނެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލައިގެ ތަފްސީލް، ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާން ކުރައްވާފައި ވެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި 2 ޖޫން 2019 ގައި، ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އާއި، ގާނޫނު ނަންނަބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު) އާއި، އާންމު ގާނޫނީ އުސޫޅުތަކާ ޚިލާފަށް އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި، 17 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި، 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށް އަދި ގާނޫނުއަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އަބްދުﷲ ދީދީ ހުށަހެޅުއްވި މައްސަލާގައި ވެއެވެ.
އަދި އެ މައްސަލައަކީ އެ ހުށަހެޅިފައިވާ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައިގަނެ، އެ ކޮމިޝަނުން ބަލައި އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި ދިނުމަށާއި، އަދި 12 ޖޫން 2019 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަލްއުސްތާޛް އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ތަކުންނާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެދިވަޑައިގެންފައި ވެއެވެ.
ސުޕްރީމް ކޯޓުން ނިންމެވިގޮތް:
"މިމައްސަލަ ހުށަހެޅި ފަރާތުން މިމައްސަލާގައި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، މިބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށާއި، މި މައްސަލައިގެ ބާވަތަށް ބަލައި ވިސްނުމަށްފަހު، ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި، 68 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި ގާނޫނުއަސާސީ އާއި، ގާނޫނުތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ގާނޫނީ ބަލަދުވެރިކަމުގެ އިޚްތިސާސްގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، 144 ވަނަ މާއްދާއާއި، 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިއާޔަތްކޮށް، މިމައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅާއި ނިމެންދެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ދީދީ 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން 12 ޖޫން 2019 ގައި ނިންމި އެ ކޮމިޝަނުގެ ނަންބަރު ޖޭއެސްސީ-ބީ-ސީބީ/19/110 ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިއުމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބަޔާން ކުރެވުނު ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ދީދީ އާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރިސް ކޮމިޝަނުގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރު ކޮށްދީފިމެވެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ