ގާސިމް، ކޯލިޝަނާ ވަކިވެގެން ނުދާނެ: ރައީސް

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރާއްޖޭގައި ހުންނެވި ސިޔާސީ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެޖޯރިޓީ ލިބޭގޮތަކުން ސަރުކާރު ކޯލިޝަނުން ގާސިމް އިބްރާހީމް ވަކިވެ ވަޑައިގަންނަވާނެ ކަމަކަށް އެއްގޮތަކަށްވެސް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ދުވަހު ނޫސް "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.
ވެރިކަން ކުރާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވާން އުޅޭކަމުގެ ވާހަކަތަކެއް ދެކެވޭތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ކޯލިޝަނެއް މަސައްކަތް ކުރާނެ ގޮތާއި ކޯލިޝަން ރޫޅުނީމާ ދެން ވާނެ ގޮތް ގާސިމް އިބްރާހީމަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"ވަރަށް ސާފުކޮށް އެނގި ވަޑައިގެންނަވާނެ ކޯލިޝަން ރޫޅުނީމާ އެވާގޮތާއި ގައުމަށް އެ އަންނަ ހަމަނުޖެހުމާއި ހަލަބޮލިކަން. އެހެންވީމާ އެވަރުގެ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ބޭފުޅަކު އަޅުގަނޑު ގަބޫލެއް ނުކުރަން، ކުރާކަށް ބޭނުމެއް ވެސް ނުވޭ އެ ވަރުގެ ކަމެއް ކުރައްވާނެ ކަމަކަށް،" ސާބިތުކަމާއެކީގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގައި ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ގަބޫލުކުރެވުނު އެއްކަމަކީ ކޯލިޝަން ސަރުކާރެއް މަސައްކަތްކުރާނެކަން ކަމެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ވާދަވެރިކަން އޮތްނަމަވެސް ކޯލިޝަން ސަރުކާރެއް ރާއްޖޭގައި މަސައްކަތްކުރާނެ ކަމަށް ޝައްކު ނުކުރައްވާ ކަަމަށްވެސް ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުންތަކާއެކީގައި ހައްލުތައް ހޯދައިގެން ކުރިއަށް ދެވޭނެ ކަމަށާއި މިއީ އުނދަގޫކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން މަންޒަރުތަކުން ފެންނަ ކަމަށާއި އެއީ ބޭރުފުށުން ދައްކާކަމެއްތޯ ދެންނެވުމުން ރައީސް ވިދާޅުވީ ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ކޯލިޝަން ވެސް އޮތީ ބަދަހިކޮށް ކަމަށާއި ހުރިހާ ޕާޓީއެއްގެ ވަޒީރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ސަރުކާރަށް ލިބެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ޚިޔާލު ތަފާތުވުންތަކާއެކީގައި އަޅުގަނޑުމެންނަށް ގޮތްހޯދައިގެން ދެވޭނެ. އަޅުގަނޑަށް ހަމަ އުނދަގޫކަމެއް ނޫން އެއީ ކީ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައިވާކަން މަންޒަރުތަކުން އެނގޭ ކަމަށާއި އެއީ ބޭރުފުށުން ދައްކާކަމެއްތޯ ދެންނެވުމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޯލިޝަން ވެސް އޮތީ ބަދަހިކޮށް ކަމަށެވެ. އަދި ހުރިހާ ޕާޓީއެއްގެ ވަޒީރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ސިޔާސީ އެ ހިޔާލު ތަފާތުވުންތައް އެކަހެރި ކޮށްފައި، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމުގައި ހުރިހާ ބޭފުޅުން މަސައްކަތައިގެން ކުރިއަށް ގެންދަވާތީ. މިހާރު ނުކުމެގެން އުޅޭ މައްސަލަ އަކީ ރައްޔިތުންގެ މަޖިލިހަށް އަޅުގަނޑުމެންނަށް އެކީގައި ނުދެވުނު މައްސަލަ. އެހެންވީމާ ކޮންމެ ޕާޓީއަކުން ވެސް މެޖޯރިޓީ ނޫނިއްޔާ ގިނަ ގޮނޑި ނެގުމަށް ކުރާ މަސައްކަތް ކުރައްވަމުން ގެންދަވާ ތަން އަޅުގަނޑަށް ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންގެ ބައްދަލުވުމެއް މަޖިލީސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ބޭއްވި ނަމަވެސް މިފަދަ ބައްދަލުވުމަކުން ނަތީޖާ ހާސިލް ނުކުރެވޭނެ ކަމަށާއި ލީޑަރުންގެ މަޝްވަރާ ބައްދަލުވުމެއް މިދުވަސްވަރު ނުބާއްވާނީ އެހެންވެގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މަޖިލިސް އިންތިޚާބަށްފަހު ލީޑަރުންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ކޯލިޝަންގެ ދިފާއުގައި ރައީސް ވާހަކަދެއްކެވި ނަމަވެސް ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަންގެ ތިން ޕާޓީން އެއްބަސްވި ގޮތާ ޚިލާފަށް އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމުމުން ގާސިމާއި އެމްޑީޕީއާ ދެމެދު ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ގެންދަނީ ބަދަލުކުރަމުންނެވެ.
ގާސިމް ވިދާޅުވަނީ އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ދޭން ހެޔޮނުވާނެ ކަމަށާއި އެ ފުރުސަތު ދީފި ނަމަ ބޭނުން ގޮތަކަށް ސަރުކާރުން ކަންކަން ކުރާނެ ކަމަށް،، އެމްޑީޕީން ބުނަނީ މަޖިލީހުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިގެން ނޫން ގޮތަކަށް ސަރުކާރުގެ ވައުުދުތައް ފުއްދައިނުދެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހުވެސް ގެންދަވަނީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ކެމްޕޭން ކޮށްދެއްވުމަށް ނިކުންނަވާ ރަށްރަށަށް ވަޑައިގެންނަވަމުންނެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮންނަންޖެހޭ ކަމަށް ރައީސް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ