މާމިގިލި ދާއިރާގެ ގޮނޑި ގާސިމް އަނެއްކާވެސް ދިފާއުކުރައްވައިފި

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލި ދާއިރާއަށް ވާދަކުރެއްވި މަޖިލީހުގެ މިހާރުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ގޮނޑި ދިފާއު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް ވަނީ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައި މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.
ގާސިމާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަމީޒެވެ. ގާސިމާއި އަމީޒުގެ އިތުރުން މާމިގިލި ދާއިރާއަށް ވާދަކުރެއްވީ އަހުމަދު އިބްރާހިމެވެ. އަހުމަދު އިބްރާހިމް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ގާސިމެވެ. މީގެ އިތުރުން ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ވަނީ ކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިހާބު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ. އެއިރު މަޖިލީހުގައި ނެގި ސިއްރު ވޯޓުން ގާސިމަށް 68 ވޯޓު ލިބިވަޑައިގެންނެވިއިރު އެމަނިކުފާނާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ އެންމެ 16 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމްހޫރީ ޕާޓީން ކާމިޔާބު ކުރީ ހަ ގޮނޑި އެވެ. މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ