މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން
އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"
އަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހަލުވިކަމާ އެކު ކުރިއަރަމުންދާ ގެސްޓްހައުސް
ސެކްޓަރުގެ މެދުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ހިދުމަތްތެރިންގެ
އަގުވަޒަންކުރުމަށްޓަކައި މުޅިން އަލަށް ތައާރަފުކުރި އެވޯޑު ޕްރޮގްރާމެކެވެ. މި
އެވޯޑަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގެސްޓްހައުސްތަކާއި،
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އިތުރުން ރަށު
ކައުންސިލްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެމްއައިބީން ބުނީ މި އެވޯޑު ދިނުމުގެ މައިގަނޑު މަގުސަދަކީ
ހިދުމަތުގެ ފެންވަރު ރަނގަޅަށް ދިނުމާއި، ދިވެހިވަންތަ ސަގާފީ ތަޖުރިބާތައް
ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ޓޫރިޒަމަށް މަސައްކަތްކުރުމުގެ އިތުރުން
ރަށްރަށުގެ ތަރައްގީއަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރާ
ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި މި އެވޯޑުގެ ހުރިހާ މަރުހަލާއެއްގެ އިވެލުއޭޝަންތައް
ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނިވަން އަދި ހާމަކަން ބޮޑު ނިޒާމެއްގެ
ދަށުން ކަމަށް އެބެންކުން ބުންޏެވެ. އެގޮތުން އެ އެވޯޑުތަކުގެ މިނިވަން އިވެލުއޭޝަން ޕާޓްނަރެއްގެ
ގޮތުގައި އެމްއައިބީން ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީ އެވެ.
މި ޕްރޮގްރާމްގެ ދަށުން ތިން ދާއިރާއަކުން ޖުމްލަ
12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް
ހާއްސަ 8 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ
އަގުވަޒަންކުރުމަށް ދޭ 3 އެވޯޑެއްގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް
އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށަކަށްދޭ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން
އައިލެންޑް އެވޯޑް" ހިމެނެ އެވެ.
މި އެވވޯޑު އެކި ފަންތީގެ ގެސްޓްހައުސްތަކުގެ މެދުގައި
އިންސާފުވެރިކަން ބޭއްވުމަށް ކޮޓަރީގެ އަދަދަށް ބަލައި ދެ ގްރޫޕަކަށް
ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް ވަނީ ނިންމާފައެވެ. އެއީ 3 ކޮޓަރިއާއި 10
ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް ހާއްސަ ޓިއާ 1 އަދި 11 ކޮޓަރިން
ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ހާއްސަ ޓިއާ 2 އެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން އެމްއައިބީގެ
ހާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ. ފޯމާއެކު ގެސްޓުންގެ ރިވިއުތަކާއި، ފޮޓޯ، ވީޑިއޯ އަދި
ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ލިޔެކިޔުންތައް
ހުށަހަޅަންޖެހޭނެ އެވެ.
މި އެވޯޑުތައް ހަވާލުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބާއްވާނެ
ތާރީހެއް އެމްއައިބީން ފަހުން އިއުލާނުކުރާނެ ކަމަށް ބުންޏެވެ.
އެމްއައިބީއިން މި އެވޯޑަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެވޯޑާއި ގުޅޭ އިތުރު މައުލޫމާތާއި ޝަރުތުތަކާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.
"އެމްއައިބީ ގެސްޓްހައުސް އެވޯޑްސް" އަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ