ޝަރުއީ ދާއިރާގެ މުވައްޒަފަކު ކަރަންޓީނުކޮށްފިނަމަ ޗުއްޓީއާއި މުސާރަ ނުކަނޑަން ނިންމައިފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން އެ ދާއިރާގެ މުވައްޒަފުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެކަހެރިކޮށްފިނަމަ އެ ބޭފުޅެއްގެ ޗުއްޓީން އެ މުއްދަތު ނުކެނޑުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖޭއެސްސީން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތާ ގުޅިގެން، ފަނޑިޔާރުންނާ މެދު އަދި ފަނޑިޔާރުން އަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މަޝްވަރާ ކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި ނިންމީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަނޑިޔާރަކު ނުވަތަ ޝަރުއީ ކޯޓެއްގެ މުވައްޒަފަކު އެކަހެރިކޮށްފިނަމަ ނުވަތަ އައިސޮލޭޝަންއަށް ފޮނުވައިފިނަމަ ނުވަތަ ކަރަންޓީނުކޮށްފިނަމަ، ވަޒީފާއަށް ނުނުކުމެ ހިނގާ އެ މުއްދަތް އަހަރީ ޗުއްޓީން ނުވަތަ އެހެން ޗުއްޓީގެ މުއްދަތަކުން ނުކެނޑުމަށެވެ. އެ ގޮތުން އެ މުއްދަތުގައި މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް މި ދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކޮމިޝަނުން ނިންމި އެވެ.
ޖޭއެސްސީން ވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސިއްހަތާއި ރައްކާތެރި ކަމަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި 11 ބިދޭސީއަކާއި ސަފާރީއެއްގައި ތިބި ދެ ބިދޭސީއެކެވެ. ރާއްޖޭން މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވް ދިވެއްސަކު ފެނިފައެއް ނުވެ އެވެ. އެކަމަކު ބައްޔަށް ޝައްކު ކުރެވިގެން އެކަހެރި އަދި ކަރަންޓީނު ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ