މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި އެހެންނަމަވެސް މިސަރުކާރަށް ވެރިކަން ލިބުނީ އެޕާޓީގެ އެކަނި މަސައްކަތުން ނޫން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މ. ކުނޫޒުގައި މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރަކީ ވަކި ފަރުދެއްގެ ސަރުކާރެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރަށް ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ޕީޕީއެމްއާއި އަދި އެހެންވެސް ބައެއް އާންމު ރައްޔިތުންގެ މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު މިއަދުގެ ސަރުކާރުން އަމަލުކުރަނީ ޕީޕީއެމްގެ ސަރުކާރަކުން އަމަލުކުރަންޖެހޭ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމްގެ ސަރުކާރަކުން މަސައްކަތް ކުރަންޖެހޭނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކުގެ އަލީގައި ގާނޫނީ އިމުގެ ތެރެއިން އަދި އަޅުގަނޑުމެންގެ އަސާސީ ގަވައިދުގައި ބުނާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި. އެހެންނަމަވެސް އެ މަގުސަދުތައް ހާސިލްވަމަކުން ނުދޭ. ކޮންމެހެން އެ ތަފްސީލަކަށް އަޅުގަނޑު މިއަދު ދާކަށް ނެތިން،" ޕީޕީއެމްގެ ސަރުކާރުގެ އަމަލުތަކަށް ފާޑު ވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން 2013 ވަނަ އަހަރު މ. ކުނޫޒަށް ކުރެއްވި ޒިޔާރާތް ހަނދާން އާކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެދުވަހު ކުނޫޒަށް ވަޑައިގެންނެވީ ޕީޕީއެމްއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އިބްރާހީމަށް ދަންނަވަން ކަމަށެވެ. އެގޮތަށް ދެންނެވުމުން ޖުމްހޫރީ ޕާޓީއާއި، ގާސިމް އިބްރާހީމް އެމަސައްކަތް ކޮށްދެއްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވި ކަން މައުމޫން ފާހަގަކުރެއްވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރަކަށްވީ ނަމަވެސް ޕީޕީއެމް ގަބޫލުކުރާ އުސޫލުތަކާއި އެއްގޮތަށް މިސަރުކާރު ހިނގަމުން ނުދާތީ ކުރިން ކުރެއްވި އިސްލާހީ މަސައްކަތްތައް މިއަދު މިވަނީ އަލުން ކުރަންޖެހިފައި ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީއާ މިއަދު ބައްދަލުކުރީ ރާއްޖޭގައި ހަގީގީ ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަށް ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި މަޝްވަރާކޮށްލުމަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަސައްކަތުގައި އެއްބާރުލުން ދޭން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ.
"އިސްލާމް ދީނުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާ އުސޫލުތަކާއި އަދި އަޅުގަނޑުމެން ދެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ކިހިނެތް މަސައްކަތް ކޮށްގެންތޯ އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނަށް ހަގީގީ ދިމިގްރާތީ ވެއްޓެއް ގާއިމުކޮށްދެވޭނީ. ދިވެހި ރައްޔިތުންނަށް މަންފާއާއި ލާބަ ލިބެނިވި ގޮތެއްގެ މަތިން ބާރުތައް ވަކިކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށްގެން އޭގެ ހިދުމަތް ރައްޔިތުންނަށް ހޯދައިދެވޭނީ ކިހިނެއްތޯ،" ޖޭޕީއާއެކު މަޝްވަރާކުރެވުނު ބައެއް ކަންކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅީ ރައްޔިތުންގެ އާންމު ވޯޓަކަށް ގޮސްގެން އާންމު ރައްޔިތުން ކަމަށެެވެ. ރައްޔިތުން ނިންމީ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ގެނައުމަށް ކަމަށާއި ނަަމަވެސް މިއަދު ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށްވެސް ވިދާޅުވި އެވެ. މިއަދު ކަންކަން ވެގެންދަނީ ދައުލަތުގެ އެއްބާރުން ބޭނުންވާ ގޮތަށް އަނެއް ދެ ބާރަށް ނުފޫޒު ފޯރުވައިގެން ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖޭގައި މިނިވަން މުއައްސަސާތަކެއް ހުއްޓަސް އެ މުއައްސަސާތަކަށް ވެސް ބާރެއް ނެތް ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިއަދު މިޖެހެނީ ވަކި ފަރާތަކުން އަންގާ ގޮތަށް އެންމެން ވެސް ކަންކަން ކުރަން ކަމަށެވެ.
"ބައްލަވާ ޕީޕީއެމްއަށް ވެގެން ދިޔަ ގޮތް. އަޅުގަނޑު ދަންނަވާލާނަން ވަރަށް ކުރުކޮށް. ޕީޕީއެމްއަށް ވެގެން ދިޔަ ގޮތަކީ ވެސް ޕީޕީއެމްގެ އިންތިހާބީ ރައީސް އަކީ އަޅުގަނޑު މާތްﷲގެ ވާގިފުޅާއެކީގައި. ޕީޕީއެމްގެ ލޮބުވެތި މެންބަރުން މިވަނީ އަޅުގަނޑު ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައި. އެކަމަކު އަޅުގަނޑުގެ އަތުން ޕީޕީއެމް ހިންގުމުގެ ބާރުތައް މިވަނީ ދަމައިގެންފައި ވަކި ބަޔަކު. އަޅުގަނޑު އެހެން ބަހެއް ބޭނުންކުރާކަށް ބޭނުމެއް ނޫން. ނިގުޅައިގެންފައި މިވަނީ. ނިގުޅައިގަތީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ގާނޫނު ތަންދޭ ގޮތެއްގެ މަތިންނެއް ނޫން. އިސްލާމީ އުސޫލުތައް ތަންދޭ ގޮތްތަކެއްގެ މައްޗަކުންވެސް ނޫން. ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަކުން ވެސް ނޫން. ބާރުގެ ބޭނުންކޮށްގެން. ބާރުގެ ބޭނުންކޮށްގެން މިއޮތީ ގޮސްފައި،" ޕީޕީއެމްގެ ރައީސްގެ ބާރުތަކާއި މެދު ކޯޓުތަކާއި މުއައްސަސާތަކުން އަމަލުކުރެއްވި ގޮތަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާ މެދު އަމަލުކުރެވިގެން ދިޔަ ގޮތަކީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި ދިވެހި ރައްޔިތުންވެސް ގަބޫލުކުރާނެ ގޮތެއް ނޫން ކަމަށެވެ. ރާއްޖޭގައި އޮންނަންވާނީ ރައްޔިތުން ނިންމި ގޮތަށް ތިންބާރު ވަކިކުރެވިފައިވާ ރީތި ރިޔާސީ ނިޒާމެއް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު މިއަދު ކަންކަން މިދަނީ އެ އުސޫލުން ކަމަށް ނުވާތީ ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދެވީ އެކަހަލަ ސަބަބުތަކަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި ވަކި ކަމެއް ނިންމިފައި ނުވާ ކަމަށެވެ. ނަމަވެސް ދެ ޕާޓީގެ އެކި ލެވަލްގައި މަޖިލީހުގެ އެތެރެއާއި ބޭރުން އަދި އެހެން ގޮތްގޮތުން ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ. އަދި އެމަސައްކަތުގައި ދެމިތިއްބަވާނެ ކަން ފާހަަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެހެން ސިޔާސީ ޕާޓީ ތަކާއެކު ވެސް އެ މަސައްކަތް ކުރުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ވީމާ އަޅުގަނޑުމެން މި ފެށުނީ ވަަރަށް މުހިއްމު ކަމެއް. ޖުމްހޫރީ ޕާޓީއާ ޕީޕީއެމްއާ މަޝްވަރާކުރަން މިފެށުނީ މިއީ ވަރަށް މުހިއްމު މަރުހަލާއެއް. މިކަން އިރާދަކުރެއްވިއްޔާ ނިމިގެން ދާނީ ވަަރަށް ރަނގަޅަށް. ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް. ރައްޔިތުންނަށް ފުރިހަމަ ނަސްރާ ނަސީބާ ކާމިޔާބީއާއި ކުރިއެރުމާ ތަަރައްގީ ލިބޭ ފަދަ ގޮތަކަށް،" އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މައުމޫން ވިދާޅުވި އެވެ.
މިސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް، ވަކި މީހެއްގެ ސަރުކާރެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ