އިންސީންގެ ތެރޭގަ ހިމެނޭ ޝައިޠޯނުން ކަސްތޮޅެއް ނާޅުއްވަވާ! ރަމަޟާން މަސް ކާމިޔާބުކުރަން އެދޭމީހާ އަމިއްލައަށް ސަލާމަތްކަން ހޯދާ!

އަހަރެމެން ކުޑައިރު ބައެއް މީހުން ބުނެއުޅެއެވެ. ރަމަޟާންމަހު ހުރިހާ ޝައިޠޯނުންތައް ތިބޭނީ ކަސްތޮޅު އެޅިފައި ކަމަށާއި އެހެންކަމުން ރަމަޟާން މަހު އަޢޫޛް ކިޔުމުގެ ވެސް ބޭނުމެއް ނެތް ކަމަށެވެ.  
ޙަޤީޤަތަކީ އެއީ މުޅިން ނުބައި ވިސްނުމެއް ކަމެވެ. ﷲ ތަޢާލާ ޗޭނު އަޅުއްވަވަނީ ޝައިޠޯނުގް ތެރޭގައި ތިބޭ ބޮޑެތި ޝައިޠޯނުންތައް ކަމެވެ. ކުދިކުދި ޝައިޠޯނުންތައް ތިބެނީ ވީއްލިއެވެ. ރަމަޟާން މަހު ވެސް ފާފަކުރެވެނީ އެ ކުދކުދި ޝައިޠޯނުންތައް ވީއްލި ތިބޭތީ އާއި އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުންތައް ކަސްތޮޅު ނާޅުއްވަވާތީއެވެ! 
ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. މިސްކިތްތަކުގައި ނަމާދުނުކުރެވުމަކީ ވަގުތު ޖެހުމުން ނަމާދުކުރުން ފަސްކުރަން ލިބޭ ޢުޒުރެއް ނޫނެވެ. ފަސްކުރަންޖެހޭނީ ފަސްކުރަން ޖެހޭ މަޤްބޫލް ސަބަބެއް އޮވެގެންނެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ނަމާދު ވަގުތު ޖެހުމުން ސޯޝަލް މީޑިއާއިން ނުކުމެ ނަމާދުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވާހަކަ ދައްކަން ހުންނަ ފޯނުކޯލް ކުރުކޮށްލައި ނަމާދަށް އަވަސްވެގަންނަނީ ކިތައް މީހުން ހެއްޔެވެ؟ ބަލަން އިންނަ ފިލްމް ބެލުން ހުއްޓާލައި ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟ 
މިހިރަ މިހިރަ ކޮންމެ ޢަމަލަކީވެސް ޝައިޠޯނީ އިންސާނުންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެވެ! ގެއިން ބޭރަށް ނުކުމެވޭނެ ގޮތެއް ނެތުމުން މިބުނި ފަދަ ޝައިޠޯނުންނަށް އެހެން މީހުން ލައްވައި ފާފަކުރުވޭ މިންވަރު މިއަހަރު މަދުވެފައި ވުމަކީ ވެސް ލެއްވެވި ވަރަށް ބޮޑު ނިޢްމަތެކެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނަށް ބެލުން ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނުވާ އެއްވެސް ފޮޓޯއެއް ވީޑިއޯއެއް ފަދަ އެއްވެސް އެއްޗެއް ކިތަންމެ ގާތް މީހަކު ނަމަވެސް ފޮނުވައިފިނަމަ ވެސް އެފޮނުވި މީހަކީ އިންސީންގެތެރޭގައިވާ ޝައިޠޯނެކެވެ! ވީއްލިފައި އެހުރެވެނީ އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުން ﷲ ތަޢާލާ ކަސްތޮޅު ނުއަޅުއްވަވާތީއެވެ! 
ކަންކަން މިފަދައިން ހުރުމުން ރަމަޟާން މަސް ކާމިޔާބުކުރުމަށްޓަކައި ގަދައަޅައި ކުރަމުން ގެންދާ މަސައްކަތްތައް މޫދުގައި އަޅާ ރޮނގެއް ފަދަ ކަމަކަށް ވިޔަނުދޭން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އިންސީންގެ ތެރޭގައި ތިބި ޝައިޠޯނުންތަކާއި ދުރުހެލިވާށެވެ! ނޫން ނަމަ ރަމަޟާން މަހު ކުރާ މަސައްކަތް އެކުގައި ގެއްލިގެން ހިނގައިދާނެއެވެ! 
- އިސްލާމީ ތިލަދަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ