ދިހަ ދުވަސްތެރޭގައި ޕީޕީއެމް ޕީޖީ ގުރޫޕްގެ މަސައްކަތްތަކުގެ ތަފްސީލް އަންގައިދިނުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އަންގައިފިއެވެ.
ޕީޕީއެެމްއިން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕުން މިހާތަނަށް ބޭއްވުނު ބައްދަލްވުމުންތަކާއި، އެ ބައްދަލްވުންތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނާއި، އެ ބައްދަލްވުންތަކުން ނިންމާފައިވާ ކަންކަން އަންގައިދިނުމަށް ޕީޖީ ލީޑަރަށް އަންގާކަމަށެވެ.
އަދި މިހާތަނަށް އެކި މައްސަަލަތަކުގައި ޕީޖީ މެންބަރުން ވޯޓް ދެއްވާފައިވާގޮތްތަކުގެ ތަފްސީލާއި، ބައްދަލްވުންތަކުގެ ޔައުމިއްޔާއާއި، ބައްދަލްވުންތަކަށް ހުށައެޅުނު އަދި ފާސްކުރެވުނު ކަންތައްތަކުގެ ތަފްްސީލް ދިހަ ދުވަސްތެރޭގައި ހިއްސާކުރުމަށް ރައީސް މައުމޫން އަންގާފައިވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
މި އެންގުމަކީ ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ ޕްރަގްރާމްގެ ދަށުން އަންގާފައިވާ އެންގުމެއްކަމަށް އެޕާޓީން ބުނެފައިވެއެވެ.
ދިހަ ދުވަސްތެރޭގައި ޕީޕީއެމް ޕީޖީ ގުރޫޕްގެ މަސައްކަތްތަކުގެ ތަފްސީލް އަންގައިދިނުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އަންގާފައިވާއިރު، ރައީސް މައުމޫން ވަނީ ޕީޖީ ލީޑަރު ނިހާން ޕާޓީގެ ރައީސް އަންގަވާ އެންގެވުންތަކާއި ހިލާފަށް ތަކްރާރްކޮށް އަމަލްކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިލާފަށް މަޖިލީހުގައި ޕީޕީއެމްގެ މެންބަރުން އަމަލްކުރައްވާފައިވާކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މައުމޫންގެ މި ވާހަކަތައް ނިހާން ދޮގުކުރައްވާފައިވާއިރު، މައުމޫން ފޮނުއްވާ ސިޓީތަކާއި މެސެޖްތައް ޕީޖީ ގުރޫޕާއި ހިއްސާކުރައްވާކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ. އަދި ޕީޖީ ގުރޫޕްގެ މެންބަރުން ހުކުރު ދުވަހު މުލިއާގޭގައި ބޭއްވި ބައްދަލްވުމުގައި ބައެއް މެންބަރުން ވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
މީގެ ކުރިން ޕީީޕީއެމްގެ ބައެއް މަޖިލީސް މެންބަރުންނާއި ވަޒީރުން ވަނީ މައުމޫން ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދިނުމަށާއި، ސިޔާސީ ދާއިރާއިން ދުރަށް ދިއުމަށްވެސް ގޮވާލާފައެވެ.
ޕީޖީ ގުރޫޕްގެ މަސައްކަތްތަކުގެ ތަފްސީލް ފޮނުވުމަށް މައުމޫން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ