1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ކޮންތާކުތޯ އާއި އެދުވަހު އެމަނިކުފާނަށް ދިމާވި ކަންތައް އަޑުއަހަން ގިނަ ބަޔަކު ބޭނުންވާނެ އެވެ. ޝައްކެއް ނެތްގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީ އެމަނިކުފާނު ކަމުގައިވާތީ އެވެ.
ނޮވެމްބަރު ތިނަކާ ބެހޭ ގޮތުން އެމްއެންޑީއެފުން ރޭ ނެރުނު ބޮޑު ފޮތުގައި މައުމޫނާ ކޮށްފައިވާ އިންޓަވިއުއާ ހަވާލާދީ ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން އެރޭ ފަތިހު 25: 4 ހާއިރު ބަޑީގެ އަޑަށް އެ މަނިކުފާނު ހޭފުޅުލެއްވުނު ނަމަވެސް ފުރަތަމަ ހީފުޅު ކުރެއްވީ އެއީ ގުގުރާ އަޑު ކަމަށެވެ.
ނަމަވެސް ގުގުރާ އަޑު ނޫންކަން އަޑު ހުރި ގޮތުން ޔަގީންވުމުގެ ސަބަބުން ސިފައިންގެ އާ ގުޅައި މައުލޫމާތު ހޯއްދެވުމުން މާލެއަށް ތަމަޅައިންގެ ބަޔަކު އަރައި ބަޑިޖަހަމުންދާކަން އިނގުނެވެ. ސިފައިންގެއިން އެދެމުންދިޔައީ ވީ އެންމެ އަވަހަކަށް ތީމުގެ ދޫކުރައްވައި އެހެން ތަނަކަށް ވަޑައިގަތުމަށެވެ.
އެހެންނަމަވެސް ތީމުގޭ ސަރަހައްދުގައި އެވަގުތުވެސް ސިފައިން ބަޑި ހިފައިގެން ފޯރިއަށް ތިބިކަން ފާހަގަކޮށްލެވެ އެވެ. އެއީ ރައީސް މައުމޫންގެ ފުރާނަފުޅު ސަލާމަތްކުރެއްވުމުގައި އެވެ.
އެގޮތުން ތީމުގޭ އެތެރޭގައި ( ރައީސް ކޮޓަރިކޮޅު ކައިރީގައި) ރޭގަނޑުގެ ވަގުތުތަކުގައި ހަތިޔާރާއެކު ސިފައިންގެ އެންސީއޯ އަކާއި ޕްރައިވެޓެއް ޑިއުޓީގައި ހުއްޓެވެ. އެންސީއޯއެއް ގޮތުގައި ހުރި ސިފައިންގެ މީހާ އަތުގައި 12 ވަޒަނާއެކު ބުރޯނިންގ ފިސްތޯލެއް އޮތެވެ. ޑިއުޓީގައި ދެންހުރި ޕްރައިވެޓް އަތުގައި 30 ވަޒަނުގެ2 މެގަޒިނާއެކު އޭކޭ-47 ގެ ބަޑިއެއް އޮތެވެ.
މީގެއިތުރުން ތީމުގޭ މައިގޭޓާއި ހުޅަނގު ފަރާތު ގޭޓުގައި ވެސް ސިފައިންގެ ފުލް ހަތިޔާރާއެކު ދިޔައީ ޑިއުޓީ މަރަމުންނެވެ. މިއިން ކޮންމެ ތަނެއްގައި ހުރި އެންސީއޯއެއް އަތުގައި އޮތީ 12 ވަޒަނާއެކު ބުރޯނިންގ ފިސްތޯލެކެވެ. ޕްރައިވެޓުން އަތުގައި އޮތީ 30 ވަޒަނުގެ މެގަޒިނާއެކު އޭކޭ-47 ގެ ބަޑި އެކެވެ.
ރާއްޖެ އަށް ހަމަލަދިން ވަގުތު ތީމުގޭގައި ތިއްބެވީ މައުމޫން އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އިތުރުން އޭރު އުމުރުން އެންމެ އަށް އަހަރުގެ ޣައްސާން މައުމޫނެވެ. ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އަދި ފާރިޝް މައުމޫން ހުންނެވީ ރާއްޖެ އިން ބޭރުގައި ކިޔަވާ ވިދާޅުވުމަށެވެ.
ދިވެހިންގެ ބަޔަކާ ލަންކާގެ ތަމަޅައިން 80 ވަރަކަށް މީހުން ގުޅިގެން ރާއްޖެ އަށް ހަމަލަދިން ވަގުތު މައުމޫން އާއި އާއިލާ ތީމުގެ އިން ނުކުމެވަޑައިގަތީ ނޮވެމްބަރު 3 ވަނަ ދުވަހު ފަތިހު 45: 4 ހާއިރު އެވެ. މައުމޫން ތީމުގެއިން ނިކުމެވަޑައިގަތީ ބޭރުތެރެ އަމާން ނޫން ކަމަށް ތީމުގޭ ގޭޓުގައި ތިބި ސިފައިން މައުމޫނަށް ދެފަހަރަށް ދެންނެވުމުން ތިންވަނަ ފަހަރު އެވެ.
ތީމުގެ ދޫކުރައްވައި މައުމޫން އާއި ނަސްރީނާ އަދި ޣައްސާން ނުކުމެވަޑައިގަތް އިރު އަރިހުގައި މައުމޫންގެ ބޮޑީގާޑް ސާޖަންޓް އިބްރާހިމް ގާސިމާއި އާދަމް ނައީމް ތިއްބެވި އެވެ. ބޮޑީގާޑް ހުރީ ފިސްތޯލަ ރެޑީކޮށްގެން މައުމޫން އަރިހުގަ އެވެ.
މައުމޫން އާއި އާއިލާ ތީމުގެ އިން ނުކުމެވަޑައިގަތީ އާދަމް ނައީމްގެ ގެ އަސުރުމާގެ އަށް ވަޑައިގަތުމަށް ކަމަށް ވިޔަސް ތަފާތު ދަތިތައް ދިމާވުމުން އޭގެ ބަދަލުގައި ވަޑައިގަތީ ގުލިސްތާނުގެ އަށެވެ. އޭގެކުރިން މަގުމަތީގައި ހިނގާފައި އައިއިރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން ސާޖަންޓް އިބްރާހިމް ގާސިމްގެ އަތުގައި އޮތް ފިސްތޯލަ މީހަކަށް ނުފެންނާނޭ ގޮތަށް ރައްކާކޮށް، އެ ބޭފުޅުންގެ ފަހަތުން އަތުވެދާނެ ހަމަލައަކަށް ސަމާލުވެގެން ހުރީ ފަހަތް ބެލުމަށެވެ.
އެމްއެމްއޭގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ހަދީޖާ ހަސަނަކީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އާއިލާގެ ބޭފުޅެއްގެ ގޮތުގައި ބައްލަވާ ބޭފުޅެއް ކަމަށް ފޮތުގައިވެ އެވެ. މިހާރު ވެސް އެ އާއިލާއާ އޭނާއާ ހާއްސަ ގުޅުމެއް އޮވެ އެވެ.
ފޮތުގައި ބުނެފައިވާ ގޮތުގައި ނޮވެމްބަރު 3 ގައި އިންޑިއާ ސިފައިން މާލެ އައިސް މައުމޫނަށް ސިފައިންގެ އަށް ވަޑައިގެންނެވެން ދެން އެ މަނިކުފާނާއި އާއިލާ ތިއްބެވީ ގުލިސްތާނުގޭގަ އެވެ. އެކަމަކު މައުމޫން އާއި އާއިލާ ތިއްބެވި ތަން އޮތީ ވަރަށް ބޮޑަށް އޭރު ސިއްރު ކޮށްފަ އެވެ. ނޮވެމްބަރު 3 އާ ގުޅޭ ގޮތުން އެމްއެންޑީއެފުން ހާއްސަ ފޮތެއް ނެރުމާ ހަމައަށް ވެސް އެ ވާހަކަތައް ހާމަކޮށްފައެއް ނެތެވެ.
ފޮތުގައިވާ ގޮތުން މައުމޫނަށް ގުލިސްތާނުގެ އަށް ވަޑައިގެންނެވުމާ އެކު ސިފައިންގެ އަށާއި އެކިއެކި ބޭފުޅުންނަށް ގުޅުއްވައި މައުލޫމާތު ހޯއްދަވަން ފެއްޓެވި އެވެ. އެންމެ ގިނައިން ގުޅުއްވައި ވާހަކަފުޅު ދެއްކެވީ އޭރު ސިފައިންގޭގެ މޭޖަ (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރާ އެވެ. އެ ވަގުތު އަންބަރީ ހަރަކާތްތެރިވެވަޑައިގަތީ ސިފައިންގޭގެ ބަދަލުގައި މާލެތެރޭގަ އެވެ. ކުރައްވާ ކަމަކީ ބައިސްކަލުގަ އާއި ހިންގަވާފައި އެކި ތަންތަނަށް ވަޑައިގެން މައުލޫމާތު ހޯއްދަވައި މައުމޫނަށް ފޯރުކޮށްދެއްވުމެވެ.
އެ ގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުގެ އަލީގައި މައުމޫން އެންމެ ފުރަތަމަ ވެސް ނިންމެވީ އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވްގާނދީއާ ގުޅުއްވޭތޯ އެވެ. އެހެންވެ ރާއްޖެ އިން ބޭރާ ގުޅޭ ކަންތައްތަކުގައި ރައީސް އޮފީހުގައި އޭރު އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދަށް ގުޅުއްވައި ރަޖީވްގާނދީގެ ފޯން ނަމްބަރެއް ހޯއްދަވައި ދެއްވުމަށް ދެންނެވި އެވެ. އެކަމަކު އެ ނަމްބަރު އޮތީ އޮފީހުގައި ކަމަށް އަނީސާ ދެންނެވި ކަމަށް ފޮތުގައިވެ އެވެ.
ތީމުގޭގައި އާދަމް ނައީމް ގެންގުޅުއްވާ އަތު ފޯނު ރަޖީވްގާނދީ އަށް ގުޅުއްވުމަށްޓަކައި ގެނެސް ދެއްވުމަށް މައުމޫން ދެންނެވި ކަމަށް ފޮތުގައިވެ އެވެ. އަދި ތީމުގޭގެ ޑިއުޓީގައި އެވަގުތު ހުރި މައުމޫންގެ ބޮޑީގާޑް މެދުވެރިކޮށް އެ ފޯނު ގެނައުމަށް އާދަމް ނައީމް މަސައްކަތް ކުރެއްވި އެވެ. އެއީ ފަތިހު 00: 6 އެވެ. އާދަމް ނައީމްގެ އިތުރުން އަންބަރީ ވެސް ވަނީ ތީމުގެ އަށް ގުޅުއްވައި، ޝައްކު ނުވާ ގޮތަށް ކުލަ ހެދުމަކަށް ބަދަލުކޮށްގެން ވީ އެންމެ އަވަހަކަށް އެ ފޯނު ގެނެސްދިނުމަށް އަންގަވައިފަ އެވެ.
ތީމުގެ ކައިރީގައި ހުރި މ. ލާމިގެ އިން ޓީޝާޓަކާއި މުންޑެއް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އާދަމް ނައީމް ތީމުގެ އަށް ވަޑައިގެން ގުލިސްތާނުގެ އަށް ފޯނު ގެންދެވީ އެވެ. ފޯން ގެންދެވިއިރު ރާއްޖެ އިން ބޭރަށް ގުޅުއްވަން ބޭނުންފުޅުވާ މުހިންމު ނަމްބަރު ވެސް ގެންދެވި އެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހާ އާދަމް ނައީމް ގުޅުއްވައި މައުމޫން ރަޖީވްގާނދީއާ ގުޅުއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެކަން ހަމަޖެހެމުން ދަނިކޮށް އެހެން ކަމެއް ދިމާވީ އެވެ. އާދަމް ނައީމް އެ ފޯނުން ރާއްޖެ އަށް ބޭރަށް ގުޅުއްވައި ދައްކާ ވާހަކަތައް، މ. ކާނޭޝަންމާގޭ އިބްރާހިމް ސިރާޖުގެ ގޭގައި ގެންގުޅޭ ރޭޑިއޯ ސެޓަކަށް އަރާ ކަމަށް އޭނާ އާދަމް ނައީމަށް ގުޅުއްވައި ދެންނެވި އެވެ. އެ ސެޓަށް އަޑުއަރާއިރު، ދުޝްމަނުންނަށް ވެސް އެ އަޑު އިވިދާނެ ކަމަށްޓަކައި އެ ފޯނުން މައުމޫން ރަޖީވްގާނދީ އަށް ނުގުޅުއްވަން އެހެންވެ ނިންމެވީ އެވެ.
ދެން އިންޑިއާގެ އަސްކަރީ ހޯދުމުގެ މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްއާ ހަވާލު ކުރައްވައިގެން ކަމަށް ފޮތުގައިވެ އެވެ. އެކަމުގައި އަމަލީ ގޮތުން އުޅުއްވީ އޭރު ފޮރިން މިނިސްޓްރީގެ ސީނިއާ އަންޑަ ސެކްރެޓަރީ އަދި މައުމޫން ސަރުކާރުގަ އާއި ނަޝީދުގެ ސަރުކާރުގައި ވެސް މަސައްކަތްޕުޅު ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ އެވެ.
ނޮވެމްބަރު 3 ގައި ބަޑީގެ އަޑަށް މައުމޫން ހީފުޅުކުރެއްވީ ގުގުރާ އަޑުކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ