ސާކް މެމްބަރު ގައުމުތަކުގެ ތައުލީމީ އިދާރާތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުން ފަށައިފި

ސާކް މެމްބަރު ގައުމުތަކުގެ ޔުނިވަސިޓީތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.
ރާއްޖޭގައި ބޭއްވޭ ސާކް މެންބަރު ގައުމުތަކުގެ ޔުނިވަސިޓީ ގްރާންޓްސް ކޮމިޝަން ނުވަތަ އެއާ އެއްފަދަ އިދާރާތަކުގެ އެންމެ އިސްވެރިންގެ 11 ވަނަ ބައްދަލުވުމުގެ އިފްތިތާހީ ރަސްމިއްޔާތު ފަށާފައިވަނީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގަ އެވެ.
މި ބައްދަލުވުން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. މި ބައްދަލުވުން ފައްޓަވައި ދެއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މަތީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ރާއްޖެއާއި ސާކް ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިސަރަހައްދުގެ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތްތައް ހާއްސަގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ ސާކް ޗެއާސް، ފެލޯޝިޕް އަދި ސްކޮލާޝިޕްގެ ދައުރަށް ވެސް ބައްލަވާލާފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ސާކް ސަރަހައްދުގެ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެއަށް އަންނަމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ހަމައެހެންމެ ސާކް ސަރަހައްދުގައި އޯޕަން އެންޑް ޑިސްޓެންސް އެޑިޔުކޭޝަން ޕޮލިސީއެއް ގާއިމުވެފައި އޮތުން މުހިއްމު ކަމަށާއި މިދާއިރާއިން ދިވެހިރާއްޖެއިން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގެ ނިންމުންތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސާކުން ކުރެވޭ މިފަދަ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބުދުﷲ ނަޒީރުގެ ވާހަކަފުޅުގައި ސާކް ޔުނިވަސިޓީތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ މަގުސަދުތައް ފާހަގަކުރެއްވި އެވެ. އެގޮތުން ސާކް ސަރަހައްދުގައި ދެވޭ މަތީ ތައުލީމުގެ ފެންވަރު ކުރިއަރުވައި މަތީ ތައުލީމާއި ބެހޭ ސިޔާސަތުތައް އެކަށައަޅައި ސަރަހައްދީ ޔުނިވަސިޓީތަކުގެ ސެޓްފިކެޓްތައް ރިކޮގްނައިޒްކުރުން ފަދަ މަސައްކަތްތައް ޑރ. ނަޒީރު ވަނީ ފާހަގަކުރއްވާފަ އެވެ.
މި ބައްދަލުވުމުގައި ސާކްގެ ހުރިހާ ގައުމަކުން ވެސް މަންދޫބުން ބައިވެެރިވެ އެވެ. މި ބައްދަލުވުން ކުރިއަށް ދާނީ މިއަދުން ފެށިގެން މާދާމާގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ. މިއީ ރާއްޖޭގައި މި ބައްދަލުވުން ބާއްވާ ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ