އިގްތިސާދީ ގޮތުން ތަރަައްގީ ގެނައުމަށް ކުރާ މަސައްކަތުގައި ބޭރުގެ ފަރާތްތަކަށް ގައުމުގެ ދޮރޯށިތައް ހުޅުވާލަން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފްލާގައި އުމަރު ވިދާޅުވީ ގައުމުތައް އަޅުވެތިކޮށް، މިނިވަންކަން ނަގާލުމުގެ ވައްޓަފާޅި މިހާރު މުޅިން ބަދަލުވެފައިވާ ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުން މިހާރު ގައުމުތައް އަޅުވެތި ކުރަމުން ދަނީ ފިކުރީ ހަނގުރާމައެއްގެ ތެރެއިން ގައުމެއްގެ އިގްތިސާދީ މިނިވަންކަން ހަނިކޮށްގެންނެވެ.
އިގްތިސާދު ފުޅާކުރުމަށް ރާއްޖޭގެ ދޮރޯށިތައް ބޭރަށް ހުޅުވާލާ އިރު އެންމެ ބޮޑަށް ވިސްނަން ޖެހެނީ ގައުމުގެ މިނިވަންކަމުގެ ވަލަށް ދޫދޭނެ މިންވަރަކާ މެދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމުގައި ހަމަހަމަ ކަމެއް ގެންގުޅުމަކީ އުނދަގޫ ކަމަކަށް ވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އިގްތިސޯދީ މަސައްކަތްތަކަށްޓަކައި ބޭރުގެ ފަރާތްތަކާ މުއާމަލާތްކުރާއިރު މިއީ އަދުގެ ވެރީން ހިތްޕަވާންޖެހިފައިވާ ވަރަށް ހިމަ، އެހާމެ ނާޒުކު ވާފަށެއް. މިދެންނެވި ފަދަ ހިމަ ވާފަށެއްގައި ބެލެންސް ކުރެއްވުމަކީ ފަސޭހަ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު އޮތީ ރާއްޖޭގެ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް އެކުލަވާލާފައި ކަމަށެވެ. އިގްތިސާދު ފުޅާ ކުރުމަށް، ސަރުކާރުން ފަށަން ނިންމާފައިވާ އިކޮނޮމިކް ޒޯންތަކެއް އުފެއްދުމުގެ މަޝްރޫއު އަކީ ދިވެހިންގެ އެއްވެސް މިލްކަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް ޒޯންތަކުގެ މަޝްރޫއު ފެށޭ އިރު ގައުމުގެ ސިޔާދަތާއި ރަށްކަލަށްޓަކައި ހިފަހައްޓަން ޖެހޭ ހުރިހާ ކަންތައްތައް ހިފެހެއްޓިފައި ހުރިކަން ސަރުކާރުން ކަށަވަރު ކުރާނެ އެވެ.
"ބެނދެވެންޖެހޭ ތަންތަން ހުންނާނީ ބެނދެވި ބަރައްކީލު އެޅިފައި. އޭގައި ކުޑަ ވެސް ދޯހަޅި ކަމެއް ގެލެރީކަމެއް ނޯންނާނެ. ދިވެހި ރައްޔިތުންގެ ހައްގަކަށް ތަރިކަ އަކަށް ކުޑަވެސް އުނިކަމެއް ނާންނާނެ،" އުމަރު ވިދާޅުވި އެވެ.
ދިވެހިން އަބަދުވެސް މިނިވަންކަމަށް ލޯބި ކުރާނެކަން ފާހަގަ ކުރައްވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހިން ވަނީ އެ ހައްގު ހޯދުމަށް ގިނަ ގުރުބާނީތަކެއް ވެފައި ކަމަށެވެ. އިނިގިރޭސިންގެ އަތުން މިނިވަންކަން ހޯދުމުގައި ވެސް އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އިތުރުން ދިވެހި ރައްޔިތުން ވެސް ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
ދުނިޔެ ބަނަވަމުން އަންނަ އިރު، ކުރިމަތިވަމުންދާ ބޭރުގެ ފިއްތުންތަކުން ރާއްޖެ ދިފާއު ކުރުމުގައި ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ގިނަ މަސައްކަތެއް ކޮށްފައިވާކަން އުމަރު ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމުގައި ޝަރުއީ ދާއިރާގެ މަސައްކަތް ވެސް މުހިންމު ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިނިވަން ޝަރުއީ ދާއިރާއެއް ރާއްޖެއަށް ލިބިފައި އޮތުމަކީ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމު އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކަށް އިގްތިސާދު ހުޅުވާލަން ޖެހޭނީ ވިސްނައިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ