ވޯޓާސް ލިސްޓް ތައްޔާރުކޮށްފައި ވާނީ ސުޕްރީމް ކޯޓްގެ ގައިޑްލައިނާ އެއްގޮތަށް: އިލެކްޝަންސް
އަންނަ މަހު ހައެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓް ތައްޔާރުކޮށްފައި ވާނީ ސުޕްރިމް ކޯޓްގެ ގައިޑް ލައިންއާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައެޅި ގައިޑްލައިނުގެ ފަސް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓް ތައްޔާރުކޮށް ކެނޑިޑޭޓުންނާއި ޕާޓީތަކަށް ސޮއިކުރުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު އެމްޑީޕީ އިން ވަނީ އެ ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ސޮއި ކުރުމަށް ދަތިވާ ކަމަށް އިއްޔެ ބުނެފަ އެވެ. އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައި ވަނީ ވޯޓާސް ލިސްޓްގައި އައިޑީ ކާޑް ނަމްބަރު ހިމަނާފައި ނުވާ ކަމެވެ. ނަމަވެސް އެކަން ދޮގުކޮށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ސޮއިކުރުމަށް ހުޅުވާލާފައިވާ ލިސްޓްތަކުގައި ވޯޓް ލާ މީހުންގެ ނަމުގެ އިތުރުން ގޭގެ ނަމާއި އައިޑީކާޑްގެ އިތުރުން ފޮޓޯ ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި އަކްރަމް ވަނީ ބައެއް ވޯޓާސް ލިސްޓް ނޫސްވެރިންނަށް ވެސް ދައްކާލާފަ އެވެ. ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އަކްރަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު "ވޯޓާސް ލިސްޓް އެކުލަވާލާފައި ވާނީ ސުޕްރިމް ކޯޓްގެ ގައިޑްލައިނާ އެއްގޮތަށް. އެ ގައިޑް ލައިންގައި ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ލިސްޓްގައި ފުރިހަމަ ވެފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އިން ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް ދެކޮޅު ހަދަމުން އައި ނަމަވެސް އަކްރަމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ވެސް ބައެއް ކެނޑިޑޭޓުންގެ ލިސްޓްގައި ސޮއި ކުރަމުން އަންނަ ކަމަށާއި ހުރިހާ ޕާޓީތަކަކުން ވެސް ލިސްޓްގައި ސޮއިކުރަމުން ދާ ކަމަށެވެ. "އަޅުގަނޑަކަށް ނޭނގޭ އެބޭފުޅުންގެ ބޭނުމަކީ ކޮބައި ކަމެއް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ލިސްޓް އޮންނާނީ އައިޑީކާޑް ނަމްބަރު ވެސް ހިމަނާފައޭ. ސުޕްރިމް ކޯޓްގެ ގައިޑް ލައިންގައި ހިމެނޭ ހުރިހާ ކަމެއް ވެސް ހަމަކޮށްފައި އޮތް ލިސްޓެއް އޮންނާނީ އަދި ވޯޓްލާ މަރުކަޒުތަކުގައި ބޭނުން ކުރަމުންދާނީ،" އޭނާ ވިދާޅުވި އެވެ. އަކްރަމް ވިދާޅުވީ ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމެޝަނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުން ރައްޔިތުންނަށް ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ އިލެކްސަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ