އިންޑިއާގެ ބޮޑުވަޒީރާ މައުމޫން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފި އެވެ.އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެދުމާއި ހެޔޮއެދިވަޑައިގަތުން ސިންހް އަށާއި އިންޑިއާގެ ސަރުކާރަށް ރައްދުކުރައްވަމުން މައުމޫން ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނާ މެދު ބަހައްޓާ ގާތްކަމާއި އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުތަކުގައި އިންޑިއާ ސަރުކާރުން ދޭ ދީލަތި މެހްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާ ސަރުކާރުން ވަމުން އަންނަ ގިނަގުނަ އެހީތަކަށްޓަކައި ޝުކުރު އަދާކުރައްވައި ޚާއްސަކޮށް އެ މަނިކުފާނުގެ ރައީސް ކަމުގެ ދުވަސްވަރު ދެ ގައުމުގެ ގުޅުން ތަރައްގީ ވެފައިވާ މިންވަރަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެ މަނިކުފާނަކީ ޕީޕީއެމްގެ އިންތިގާލީ ރައީސްކަމަށް ވުމާއެކު ޕީޕީއެމް އަކީ އިންޑިއާއަށް ވަރަށް ގަދަރުކުރާ އަދި ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުގައި މިބައްދަލުވުމުގައި ސިންހް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ކަންކަމުގައި އިންޑިއާއަށް ވެވެން އޮތް އެހީތައް ވެދިނުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް އިންޑިއާ އެދެނީ ދިވެހިރާއްޖެއަކީ ސުލްހަވެރިކަމާއި ސިޔާސީ ހަމަޖެހުން ގާއިމު ވެފައިވާ ގައުމަކަށް ވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަންވާނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން ކަމަށާއި މިމައްސަލައިގައި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި ދިވެހި ހައްލެއް ހޯދުމަށް ވެސް ސިންހް ވިދާޅުވިއެވެ.އަދި ސަރުކާރު ބަދަލުވިގޮތާ ބެހޭގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް ނެރެފައި ވުމާއެކު މިދަނޑިވަޅަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ގައުމުގެ އިސްލާހީ ތަރައްގީއަށްޓަކައި މަސައްކަތްކުރަންވީ ވަގުތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ސިންހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ