ޓީވީތަކުން ނަތީޖާ ބެލުމަށް "ހަވީރު"ން ހާއްސަ ޕޭޖެއް ލޯންޗުކޮށްފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ ވީހާ ވެސް ގިނަ ފަރާތްތަކަށް ފެންނާނެ ގޮތް ހެދުމަށް "ހަވީރު"ން ޓީވީތަކަށް ހާއްސަ ޕޭޖެއް ޑިޒައިންކޮށް، އާއްމުކޮށް ހުޅުވާލައިފި އެވެ.ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން އާއްމުން އެއްވެ އުޅޭ ތަންތާނގައި ބަހައްޓާފައި ހުންނަ ޓީވީތަކުން އިންތިހާބުގެ ނަތީޖާ ފެންނާނެ ގޮތަށް ފަރުމާކޮށްފައިވާ ޕޭޖުން އެންމެ ފަހުގެ ނަތީޖާ ގްރާފްތަކާ އެއްކޮށް ފެންނާނެ އެވެ. އަދި ގުނުނު ވޯޓްގެ އަދަދާއި އެންމެ ފަހުން ގުނި ފަސް ވޯޓް ފޮށީގެ ނަތީޖާ ފެންނަމުންދާނެ އެވެ."އަޅުގަނޑުމެންގެ މަގުސަދަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ ފެންނާނެ ގޮތް ހެދުން. މި ޕޭޖަކީ ކޮފީ ޝޮޕްތަކާއި އެނޫން ވެސް ގިނަ ބަޔަކު އެއްވާ ތަންތަނަށް ވަރަށް ބޭނުންތެރި ޕޭޖަކަށް ވާނެ،" ހަވީރުގެ އޮފިޝަލަކު ވިދާޅުވި އެވެ.އެންމެ ފުރަތަމަ މި ޕޭޖަށް ވަނުމުން ފެންނަ ކުލަ ބަރިތަކުގެ އެހީގައި ޓީވީގެ ސްކްރީނަށް ޕޭޖް އެލައިން ކުރެވޭނެ އެވެ. މި ޕޭޖް ފަރުމާކޮށްފައިވަނީ ވޯޓް ގުނާ ނިމި، އިންތިހާބުގެ ނަތީޖާ އިއުލާންކުރަން ފެށުމާ އެކު އޮޓަމެޓިކުން އަޕްޑޭޓް ވާ ގޮތަށެވެ. ޓީވީތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޭޖް "ހަވީރު"ން ވަނީ ހުރިހާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލައިފަ އެވެ. ކިޔުންތެރިންނާ ހަމައަށް އިންތިހާބާ ގުޅޭ މައުލޫމާތު ވީހާ ވެސް އަވަހަށް ގެނެސްދިނުމަށް މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "ހަވީރު"ގެ ނުވަ ރިޕޯޓަރަކު މިހާރު ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މުޅި ރާއްޖެ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ވޮލެންޓިއަރުން ވެސް "ހަވީރު"ގެ ކަވަރޭޖުގައި ބައިވެރިވަމުންދާނެ އެވެ.މީގެ އިތުރުން، އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ ގެނެސްދިނުމަށް "ހަވީރު"ން ވަނީ ހާއްސަ ސެކްޝަނެއް ވެސް ހަދާފަ އެވެ. މި ސެކްޝަން މެދުވެރިކޮށް އެންމެ ފަހުގެ ނަތީޖާ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމުގެ އިތުރުން އިންތިހާބާ ގުޅޭ ހަބަރާއި ފޮޓޯ އާއި ވީޑިއޯ ވެސް ފެންނަމުންދާނެ އެވެ. ޓީވީތަކަށް ހާއްސަ ޕޭޖުގެ ލިންކު: http://i1.haveeru.com.mv/election2013/electiontv/
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ