ކޯޓުން ބަލައިނުގަނެގެން އެތައް ބައިވަރު މައްސަލައެއް ޕީޖީގައި ފުނިޖެހިއްޖެ

ކްރިމިނަލް ކޯޓަށް ފޮނުވަންޖެހޭ 500 އަށްވުރެ ގިނަ މައްސަލަ މިހާރު އެ ކޯޓަށް ނުފޮނުވި އެބައޮތް ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ޕީޖީން ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ފުނިޖެހިފައި ހުރި މައްސަލަތަކުގެ ތެރޭގައި ބަންދުގައި ތިބި 196 މީހެއްގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ނުފޮނުވި ހުރުމަކީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ މިގޮތަށް ހައްޔަރުގައި މީހުން ތިބެންޖެހުން، އަޅުގަނޑުމެން ކުރި މަސައްކަތުން ސުޕްރީމް ކޯޓުން އަމުރެއް ވެސް ނެރެދެއްވި، ރާއްޖޭގެ އެންމެ މަތީ މަރުހަލާއިން އަމުރެއް ނެރުން ފިޔަވައި އަޅުގަނޑަކަށް ނުވިސްނުނު އިތުރަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިއަދު ވެސް ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވި ކަމަށާއި ނަމަވެސް އެއްވެސް މައްސަލައެއް ބަލައިގެންފައިނުވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އަނބިކަނބަލުންނާއި ދަރިފުޅަށް ވަޅިން ހަމަލާދިން މީހާގެ މައްސަލަ ވެސް ހިމެނޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީއަކު ނެތުމުން ކްރިމިނަލް ކޯޓަށް އެއްވެސް މައްސަލައެއް ބަލައިނުގަންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ޕީޖީއަކު ނެތް ނަމަވެސް މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައެއް ނުގަނެ އެވެ. އެކަން ހައްލުކޮށް ދިނުމަށް ޕީޖީން ވަނީ ސުޕްރީމް ކޯޓަށް ވެސް ސިޓީ ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަތް ނަމަވެސް އެހެން ދަށު ކޯޓަކާއި ހައި ކޯޓުން ވެސް ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ