ކައިވެނިކޮށްގެން އުޅޭކަން އަންގައިދިނުމަށް ފެމިލީ ކޯޓުން މިއަދުން ފެށިގެން ކާޑެއް ދޫކުރަން ފަށައިފި އެވެ.
ވޮލެޓުގައި ގެންގުޅޭ ކާޑު ސައިޒަށް ހަދާފައިވާ "މެރިޖް ކާޑް" އަކީ ރާއްޖޭގެ ކޯޓެއްގައި ކައިވެނި ރަޖިސްޓްރީކޮށް އެ ކައިވެނި މަތީގައި ދެމި ތިބި ކޮންމެ މީހަކަށް ދޫކުރާ ކާޑެކެވެ. މި ކާޑު ހެދުމާ ބެހޭ ގަވާއިދު މިއަދު އާންމުކޮށްފައި ވާއިރު އޭގައި ބުނެފައި ވަނީ ކާޑު ހަދައިދޭނީ 250ރ.ގެ ފީއެއް ދެއްކުމުން ކަމަށާއި މިހާރު ކައިވެނިކޮށްގެން އުޅޭ މީހުން ވެސް ކާޑަށް އެދި ހުށަހެޅުމުން ހަތް ދުވަހުގެ ތެރޭގައި ކާޑު ހަދައިދޭނެ ކަމަށެވެ.
ކޯޓުން ބުނީ މީގެ ފަހުން ކައިވެނިކުރާއިރު ކައިވެންޏަށް އެދި ހުށަހަޅާ ފޯމުގައި ވެސް، މި ކާޑު ބޭނުންވާ ނަމަ އެކަމަށް އެދެވޭނެ ކަމަށާއި މިއީ ހައްދަން މަޖުބޫރު ކާޑެއް ނޫން ކަމަށެވެ. އަދި މި ކާޑު ގެންގުޅޭ ދެމަފިރިއަކު ވަރިވެއްޖެ ނަމަ ކާޑު ކޯޓާ ހަވާލުކުރަން ޖެހޭނެ ކަމަށާއި ދެމަފިރިންނަށް ވެސް ކާޑު ދޫކުރާނެ ކަމަށް ކޯޓުން ބުންޏެވެ.
ކާޑު ހަދައިދޭ ތާރީހުން ފެށިގެން 10 އަހަރުގެ މުއްދަތަށް ދޫކުރާ މި ކާޑުގައި މި ކާޑުގައި އަނބިމީހާ އާއި ފިރިމީހާގެ ފޮޓޯ އާއި އައިޑީ ކާޑު ނަމްބަރާ އެކު ދެމަފިރިންގެ ކައިވެނީގެ މައުލޫމާތު ހިމަނާފައިވެ އެވެ.
ފެމިލީ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ އަހްމަދު އަބްދުﷲ ވިދާޅުވީ މިއީ ބައެއް ހިދުމަތް ހޯދާއިރު ކައިވެނީގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ހާލަތްތަކުގައި މިހާރު އުނދަގޫ ވާތީ އާންމުންގެ ފަސޭހައަކަށް ތައާރަފްކުރި ކާޑެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކަރުދާސް ސެޓްފިކެޓްގެ ބަދަލުގައި ކާޑު ދޫކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ.
ފެމިލީ ކޯޓުން މިއަދު ވަނީ ވަރިވުމަށް އެދި ހުށަހަޅާ ފޯމަށް ވެސް މިއަދު ބަދަލު ގެނެސްފަ އެވެ. ވަރިކުރުމަށާއި އަނބިމީ އަމިއްލަ އަށް ވަރިވާން މީގެ ކުރިން އެއް ފޯމަކުން ހުށަހެޅި ނަމަވެސް މިއަދުން ފެށިގެން ވަނީ ވަރިކުރުމަށް އެދި ހުށަޅާ ފޯމަކާއި ވަރިވުމަށް އެދި ހުށަހަޅާ ފޯމެއް ތައާރަފްކޮށްފަ އެވެ. ކޯޓުން ބުނީ އަލަށް ހެދި ދެ ފޯމުގައި ކޯޓަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ހުށަހެޅޭ ކަމަށެވެ. އެގޮތުން ފޯމު ފުރުމަށް ލިޔުމުގެ ބަދަލުގައި، ބޭނުންވާ ގޮޅީގައި ފާހަގަޖަހާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ކައިވެނިކޮށްގެން އުޅޭ މީހުންނަށް ފެމިލީ ކޯޓުން ކާޑެއް ދޫކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ