ދައުލަތަށް ރައްދުވާ ދުސްތޫރީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަން ޖެހޭނީ ބަންޑާރަ ނައިބު ކަމަށް އަންގައި ސުޕްރީމް ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ބައެއް މާއްދާތައް ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ އެ މާއްދާ ބާތިލް ކުރުމަށް އަމިއްލަ ފަރާތަކުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ދައުވާލިބޭ ފަރާތެއްގެ ގޮތުގައި އޮންނަނީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެންކަންކަމުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަ ނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަމަށެވެ. އެހެންކަމުން އެފަދަ ދުސްތޫރީ މައްސަލަތަކުގައި ދައުވާލިބޭ ފަރާތަކީ ބަންޑާރަ ނައިބުކަން އެނގެން އޮންނާތީ، ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ދައުވާލިބޭ ފަރާތަކީ ބަންޑާރަ ނައިބު ކަމަށްވާތީ އެގޮތަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުން އެފަދަ ނިންމުންތައް ނިންމާފައިވެ އެވެ. އޭރު ނިންމާފައިވަނީ ބަންދު އަމުރުގެ މައްސަލަތައް ފުލުހުންނަށް އަމިއްލައަށް އިސްތިއުނާފް ނުކުރެވޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކާ ގުޅިގެން ކޯޓު އަމުރެއް ހޯދަން ބޭނުން ނަމަ އެކަން ކުރަންޖެހޭނީ ވެސް ޕީޖީ މެދުވެރިކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ދުސްތޫރީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަ ނައިބު: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ