ރާއްޖޭގެ ހާލަތު ބަދަލުކުރާނީ ރައްޔިތުން، އެހެން ގައުމުތަކުންނެއް ނޫން - ރައީސް

ރާއްޖޭގެ ހާލަތު ބަދަލުކުރަން އަންނާނީ އެހެން ގައުމުތަކުން ނޫންކަމަށާއި، ރާއްޖޭގެ ހާލަތު ބަދަލުކުރާނީ ރާއްޖޭގެ ރައްޔިތުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގއ. ކޮލަމާފުށިގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅޭ ތަނެއްގެ ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް ނެތް ކަމުގައި ވަނީނަމަ އެ ތަނަކަށް ތަރައްގީއެއް ނާންނާނެކަމަށެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރަން އަންނާނީ އަވަށްޓެރި ގައުމުތަކުންނެއް ނޫން. އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރަން ދުރު ކަރަކަރާގެ ތިބި ފަރާތްތަކުގެ އެހީ ހޯދައިގެން، ނަސާރާ، ފާދިރީންނާއި، އަދި މިނޫންވެސް ކަންތައްތަކުރަން ގޮވައިގެން އަންނާނެ. މިއީކީ ނޫން އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާނެ ގޮތަކީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ރާއްޖޭގެ ހާލަތު ބަދަލުކުރަން އަންނަން ޖެހޭނީ މި ގައުމުގެ ތެރެއިން ކަމަށެވެ.
ކޮލަމާފުށީގެ ރައްޔިތުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އަދި މިރަށު ރައްޔިތުން ތިބީ ރާއްޖޭގެ ތަރައްގީއާ އެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ވިލިގިނލީ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަންއަށް ތައްޔާރުވަމުން އަންނައިރު، އެކަމަށް އިހުލާސްތެރިވުމަށް ރައީސް ގޮވާލެއްވިއެވެ. އަދި މިކަމުގައި އިހުލާސްތެރިނުވާނަމަ އެ މަގާމަށް އަންނަ މެންބަރުވެސް އިހުލާސްތެރި ނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި ބަޣާވަތް ހިންގަން ޖެހުނީވެސް ބައެއް މެންބަރުންގެ އިހުލާސްތެރިކަން ނެތުމުން ކަމަށެވެ.
"ވޯޓް ފޮއްޓާއި ހަމައަށް ވަޑައިގަންނަވަން ވާނީ ސިކުނޑި ހިއްޕަވައިގެން. ވޯޓް ފޮއްޓާއި ހަމައަށް ވަޑައިގަންނަވަން ޖެހޭނީ އިހުލާސްތެރިކަމާ އެކީ. އެ އިހުލާސްތެރިކަން އަޅުގަނޑުމެންގެ ނެތްކަމުގައި ވަންޏާ އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރުމަށް ކަންކަން މެދުވެރިކޮށްދޭނީ މުޅިން އެހެން ބައެއް". ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ