ބިލެތްފަހީ އިންޖީނުގެ އަޅައިދޭނެ ފަރާތެއް ހޯދަނީ

މިމަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ށ. ބިލެތްފަހީ އިންޖީނުގެ އަނދާހުލިވެފައިވާއިރު، އެ ރަށުގައި އިންޖީނުގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ދޭ މައުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްގޮތަށް ބިލެތްފަހީގައި ޕްރީފެބްރިކޭޓެޑް ޕަވާ ހައުސްއެއް އަމިއްލަ ތަކެތީގައި އަޅައިދޭޏެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 11:30 ގައި ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހުގައެވެ. އަންދާސީހިސާބު ހުށަހަޅަން ޖެހެނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ 11:00 އަށް، ފެނަކައިގެ މައި އޮފީހަށެވެ.
ބިލެތްފަހީ އިންޖީނުގޭގައި އަލިފާން ފޯވެ އަނދާ ހުލިވި ހާދިސާގައި 2.27 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި ބިލެތްފަހީ އިންޖީނުގޭގެ ކޮންޓްރޯލް ރޫމާއި އިންޖީނުގެ އެއްކޮށް އަނދާފައިވާއިރު އެތަނުގެ އަގަކީ 127384.11 ރުފިޔާ ކަމުގައެވެ. އެ އިންޖީނު ގެއާއި ކޮންޓްރޯލް ރޫމަކީ 1989 ވަނަ އަހަރު އަޅާފައިވާ ތަނެކެވެ.
އަލިފާނުގެ ހާދިސާގައި 500000 ރުފިޔާގެ 80 ކިލޯވޯޓްގެ ޖަނަރޭޓަރ ސެޓެއް އަނދާފައިވާއިރު އެއީ 2007 ވަނަ އަހަރު ބަހައްޓާފައިވާ ޖަނަރޭޓަރު ސެޓެކެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު ބަހައްޓާފައިވާ 112 ކިލޯ ވޯޓްގެ އަދި 750000 ރުފިޔާގެ ޖަނަރޭޓަރު ސެޓަކާއި ކެލައިން މިއަހަރު ޓްރާންސްފަރ ކުރި 750000 ރުފިޔާގެ 120 ކިލޯވޯޓްގެ ޖަނެރޭޓަރު ސެޓެއްވެސްވަނީ އަލިދާނުގެ ހާދިސާގައި އަނދާހުލި ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ