ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ދުރުކޮށްފައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވެރިކަމުން ދުރުކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އެޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ "މަސީހް ބޭރުކޮށްފައި ރައީސް ޔާމީން ވެސް ބޭރު ކުރާނަން" ކަމަށެވެ.
މަހްލޫފް މިހެން ވިދާޅުވިއިރު ރައީސް ނަޝީދުގެ މުޝީރަކަށް އައްޔަން ކުރައްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެމައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.
ރޭގެ ޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ ރައީސް ޔާމީން އަށް އޮތީ ދެގޮތް ކަމަށާއި އެއްގޮތަކީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށާއި ދެވަނަ ގޮތަކީ ފިއްލެވުން ކަމަށެވެ.
ރައީސް ޔާމީންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާނެ ކަމުގެ އިޝާރާތެއް މަހްލޫފް ދެއްވާފައި ވާއިރު ރައީސުލްޖުމްހޫރިއްޔާ އިތުބާރު ނެތް ކަމުގެ މައްސަލަ 28 މެންބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްވާނީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރާ ތުހުމަތުތައް ދިރާސާ ކުރަން ހޮވާ 11 މެންބަރުންގެ ކޮމެޓީ އަކުން އެތުހުމަތުތައް ސާބިތުވާކަމަށް ނިންމާ މަޖިލީހުގައި ވޯޓަކަށް އެހުމުން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ތާއިދު ލިބިގެންނެވެ. އެއީ 58 މެންބަރުންގެ ވޯޓެވެ.
މަސީހް ބޭރުކޮށްފައި ރައީސް ޔާމީން ވެސް ބޭރު ކުރާނަން – މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ